އެމްޑީޕީގެ ޗެއާޕާސަންގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލު ކުރާނެ ބޭފުޅަކު ހޮވުމަށް ރޭ އެޕާޓީގެ ގައުމީ މަޖިލިހުން ބޭއްވި ބައްދަލުވުމުގައި ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދުގެ ނަން ހުށަހެޅި ނަމަވެސް އެމަގާމަށް އޭނާ ނުހޮވަން ނިމިއްޖެއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވެފައިވަނީ އެ މަގާމުގައި މިިދިޔަ ހަތަރު އަހަރެއްހާ ދުވަހު ހުންނެވި ފައްޔާޒު އިސްމާއިލް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމުންނެވެ.
ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލެއްވީ ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދެވެ. އަދި އައްޑޫ ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަސްލަމް ވެސް އޮތީ އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ. އަސްލަމްގެ ނަން ހުށަހަޅަން މަޝްވަރާކުރީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދުކުރައްވާ ފެކްޝަންގެ ތެރެއިންނެވެ. ވަހީދު ނަން ހުށަހެޅީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ ފެކްޝަނުގެ ތެރެއިންނެވެ.
ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު ހޮވުމަށް ރޭ ބޭއްވި ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން ހޫނުވެ، ވަކި ހިސާބަކުން ގައުމީ މަޖިލިހުގެ ޖަލްސާ ވެސް ވަނީ ހުއްޓާލާފައެވެ. ބައްދަލުވުމުގައި ފުރަތަމަ ވޯޓަށް އެހީ ވަހީދުގެ ނަމަށެވެ. ވަގުތީ ޗެއާޕާސަން ކަމަށް ވަހީދު އައްޔަން ކުރަން ފެންނަ ކަމަށް 47 މީހަކު ވޯޓު ދިން ނަމަވެސް އެ ހިސާބުން ބޮޑު ޒުވާބަކަށް ގޮސް އަސްލަމްގެ ނަން ހުށަހަޅަން އިދިކޮޅު ފެކްޝަނުން ފުރުސަތެއް ނުދިނެވެ. އެހެންވެ، އަސްލަމްގެ ނަމަށް ވޯޓަށް ނޭހެނީސް ބައްދަލުވުމުގެ ތެރެއިން ބޮޑު ޒުވާބެއް އުފެދި ނިންމާލީއެވެ.
ގައުމީ މަޖިލިހުގެ ރޭގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވީ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބުރޭ) އެވެ. އޭނާއަކީ ކުރީގެ ޗެއާޕާސަން ފައްޔާޒުގެ ފެކްޝަންގެ އިސް މެމްބަރެކެވެ.
ޗެއާޕާސަންގެ މަގާމުން ފައްޔާޒު އިސްތިއުފާ ދެއްވި މައިގަނޑު އެއް ސަބަބަކީ ވެސް ކުރީގެ ރައީސް ނަޝީދާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުން އަރައި ނުގަނެވުން ކަމަށް ވަނީ ވިދާޅުވެފަ އެވެ. ހާއްސަކޮށް އެމްޑީޕީއާ ދުރުގައި ހުންނެވުމަށް ފަހު، ނަޝީދު އަލުން އެ ޕާޓީއާ ގުޅިވަޑައިގަތުމުން އެ މަނިކުފާނު ބަލައިގަތުމާ މެދު ވަނީ ބޮޑު ދެބަސްވުމެއް އުފެދިފައެވެ.