English Edition
Dhivehi Edition

އައްޑޫ ސިޓީގައި ވިހެއުމުގެ ތެރޭގައި ދިމާވި ކުއްލި ހާލަތާ ގުޅިގެން ނިޔާވި ޒުވާނާގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިހެއުމުގެ ތެރޭގައި ކުއްލި ހާލަތެއް މެދުވެރިވެ، އައްޑޫ ސިޓީގައި ޒުވާން އަންހެނަކު ނިޔާވުމަކީ، ފުން ހިތާމައާއި ނުތަނަވަސް އިހްސާސްތަކެއް ކުރުވި ކަމެއް ކަމަށެވެ.

އަދި އެ އަންހެން މީހާއަށް ޝަހީދެއްގެ ދަރަޖަ މާތްﷲ ގެ ހަޟްރަތުގައި ދެއްވައި ސުވަރުގޭގެ ދާއިމީ ނިއުމަތާއި ރަޙުމަތް ލެއްވުން އެދި ދުއާ ދަންނަވާ ކަމަށް ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.

އައްޑޫގައި ސިޒޭރިއަން ހެދި އުމުރުން 28 އަހަރުގެ އަންހެނަކު ނިޔާވެއްޖެ

މީގެ އިތުރުން އުފަންވި ތުއްތު ދަރިފުޅަށް އަވަސް ޝިފާއެއް ދެއްވުމަށާ މަރުހޫމާގެ އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުމަށް ރައީސް ވަނީ ދުއާ ދަންނަވާފައެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމު އަދާކުރަމުން ގެންދިޔަ ސ. ހިތަދޫ، ތަމަންނާގެ، އާއިޝަތު ނަޒާހަތު އަހްމަދުދީދީ ނިޔާވީ އިއްޔެގެ ފަތިހުގައެވެ. ހާދިސާގައި އަންހެން މީހާ ނިޔާވި ނަމަވެސް، ތުއްތު ކުއްޖާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އެންއައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ