އައްޑޫސިޓީ ހިތަދޫގައި ސިޒޭރިއަން ހެދި އުމުރުން 28 އަހަރުގެ އަންހެނަކު ނިޔާވެއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ޕްރޮޖެކްޓް ޑިވެލޮޕްމަންޓް ޔުނިޓުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރުގެ މަގާމު އަދާކުރަމުން ގެންދިޔަ ސ. ހިތަދޫ، ތަމަންނާގެ، އާއިޝަތު ނަޒާހަތު އަހްމަދުދީދީ ނިޔާވީ މިއަދުގެ ފަތިހުގައެވެ. އޭނާގެ ވިހެއި ދަރިފުޅުގެ ހާލު ވެސް ރަނގަޅު ނޫން ކަމަށް މައުލޫމާތު ލިބެ އެވެ.
ފުރަތަމަ ދަރިފުޅު ވިހަން ޝެޑިއުލްކޮށް ނަޒާހަތު، އިންޓަނޭޝަނަލް މެޑިކަލް އެންޑް ޑައިގްނޯސްޓިކް ސެންޓަރު (އައިއެމްޑީސީ) ގައި އެޑްމިޓްވީ އިއްޔެގަ އެވެ.
އައިއެމްޑީސީން ބުނީ މާބަނޑުމީހާ ވިހެއުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ އިރު ރޭގެ ފަތިހުގެ ވަގުތާއި ހަމައަށް ހުރީ ރަނގަޅު ސިއްޙަތެއްގައި ކަމަށެވެ،. އަދި ފަރުވާދެއްވަމުން ގެންދެވި ޑޮކްޓަރުގެ ފަރުވާއާއި މެދު ވެސް ހިތްހަމަ ޖެހި މެޑިކަލްޓީމާއި އެކު އަންހެންމީހާ ދިޔައީ ކަންތައްތައް ހިއްސާކޮށް ވާހަކަ ދައްކަމުން ކަމަށާއި އެއްވެސް ކަހަލަ އިތުރު މައްސަލައެއް ފާހަގަވެފައި ނުވާކަމަށެވެ.
އެހެންނަމަވެސް ހަމަ ކުއްލިއަކަށް މިއަދު ފަތިހު އަންހެންމީހާގެ ސިއްޙީ ޙާލަތު ގާތްގަނޑަކަށް ފަތިހު 4:39 ގައި، ބަލިމީހާ ކުއްލިއަކަށް ފިޓު ޖެހުނެވެ. އެވަގުތުން ފެށިގެން ބަލިމީހާ އަށް ފަރުވާދޭން ފަށައި އޮޕަރޭޝަން ތިއޭޓަރު ޓީމުގެ ފުރިހަމަ އެހީތެރިކަމާއެކު ކުއްލި އޮޕަރޭޝަނެއް ވަގުތުން ފެށިއެވެ. އަދި ކުޑަ ދަރިފުޅު ރައްކާތެރިކަމާއެކު ދުނިޔެއަށް ގެނެވުނު ނަމަވެސް އަންހެންމީހާގެ ޙާލަތު ނާޒުކު ވުމުން ވަގުތުން އައިއެމްޑީސީ އިން އެމަޖެންސީކޮށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ބަލިމީހާ ވަނީ ގެންގޮސްފަ އެވެ. އެކަމަކު އެ ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އައިއެމްޑީސީގައި އެ ހޮސްޕިޓަލަށް ނަޒާހަތު ގެންދިޔައީ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.
ހާދިސާގައި އަންހެން މީހާ ނިޔާވި ނަމަވެސް، ތުއްތު ކުއްޖާއަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ އެންއައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ. އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށްވެސް ހޮސްޕިޓަލުން ބުންޏެވެ.
އައިއެމްޑީސީން ބުނީ މިއީ 2011 ވަނަ އަހަރު އައި.އެމް.ޑީ.ސީގައި އޮބްސްޓެޓްރިކްސް އެންޑް ގައިނަކޮލޮޖީގެ ޚިދުމަތްތައް ތައާރަފްކުރި ފަހުން މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރުކަމަށެވެ. އަދި ހޮސްޕިޓަލުގެ ސްޕެޝަލިސްޓް ޓީމުން މި ކުއްލި ހާލަތުގައިވެސް އަވަހަށް، އެންމެ މަތީ ފެންވަރުގެ އަވަސް ފަރުވާއެއް ބަލިމީހާއަށް ދިނުމަށް ވަނީ މަސައްކަތް ކޮށްފައި ކަމަށް އައިއެމްޑީސީން ބުނެއެވެ.
މި މައްސަލަ ސިއްޙީ ވުޒާރާއާއި، ގުޅުންހުރި އެހެނިހެން ހުރިހާ އިދާރާތަކުން ބަލައި ދިރާސާކުރަމުންދާއިރު، އައި.އެމް.ޑީ.ސީ. އިން ގެންދަނީ ފުރިހަމައަށް އެއްބާރުލުން ދެމުންކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެއެވެ.