އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 3 ޓަނުގެ ބޭހާއި 20،000 ޑޯޒްގެ ވެކްސިން ރޭގެ ވަގުތެއްގައި ރާއްޖެ ގެނެސްފިއެވެ.
ރާއްޖޭގައި މިހާރު ފެތުރެމުންދާ ހިމަބިހި (މީސްލްސް) ކޮންޓްރޯލް ކުރުމަށް އެހީތެރިވުމުގެ ގޮތުން ފޮނުވި މި ޝިޕްމަންޓާ ގުޅޭގޮތުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ، މިއީ ހިމަބިހި އަދި ރުބެއްލާ ވެކްސިންގެ ދެވަނަ ޝިޕްމަންޓް ކަމަށެވެ. އަދި މި އެހީއަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ އަދި ބަދަހި ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށްވެސް ހައިކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖެއިސަލްވާލް ވިދާޅުވީ، މިއީ އިންޑިއާގެ ‘ނެއިބަހުޑް ފަސްޓް’ ސިޔާސަތުގެ ދަށުން، ކަމެއް ދިމާވާ ހިނދު އެންމެ ފުރަތަމަ އެހީތެރިކަން ފޯރުކޮށްދޭ ގައުމުގެ ހައިސިއްޔަތުން ރާއްޖެއަށް ފޯރުކޮށްދިން އަވަސް އެހީއެއް ކަމަށެވެ.