English Edition
Dhivehi Edition

އިނގިރޭސި ލީގު ކަޕްގެ ސެމީފައިނަލްގެ ދެވަނަ ލެގުގައި ރޭ ބްރިސްޓަލް ސިޓީ ކޮޅަށް އެންމެފަހު މިނެޓްގައި ޑިބްރެއިނާ ވައްދާލި ލަނޑުން 2-3 އިން ބްރިސްޓަލް ސިޓީ ބަލިކޮށް ލީގު ކަޕްގެ ފައިނަލަށް މެންޗެސްޓަރ ސިޓީ ދަތުރުކޮށްފިއެވެ.

އިނގިރޭސި ލީގު ކަޕްގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ސިޓީގެ ދަނޑުގައި މި ދެ ޓީމް ކުޅުނު މެޗު 1-2 އިން ސިޓީން މޮޅުވެފައި ވުމުން ރޭގެ މިނަތީޖާ އާއި އެކު މުބާރާތުގެ ފައިނަލަށް ސިޓީ ގޮސްފައިވަނީ 3-5 ގެ އެގްރިގޭޓުންނެވެ.

ބްރިސްޓަލްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ސިޓީއިން ވަނީ ބްރިސްޓަލް ސިޓީ ކޮޅަށް ލަނޑު ޖަހައި މެޗު ސިޓީ ކޮންޓުރޯލް ދަށަށް ގެނެސްފައެވެ. މި ގޯލު ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ލީރޯއި ސާނޭއެވެ. އަދި ދެވަނަ ހާފްގެ ކުރީކޮޅު ސާޖިއޯ އަގުއެރޯ ވަނީ ސިޓީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ.

ސިޓީން ދެ ގޯލުގެ ލީޑެއް ނަގާފައިވައި ވީނަމަވެސް ބްރިސްޓަލް ސިޓީއިން ވަނީ ދެވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް ފަހަތުން އަރާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ދެ ގޯލު ބްރިސްޓަލް އަށް ކާމިޔާބުކޮށްދިނީ ޕެކް އަދި ފްލިންޓް އެވެ. މި މެޗުން ސިޓީ މޮޅުވި ގޯލު މެޗުގެ އެންމެފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ ކެވިން ޑެ ބްރައިނާއެވެ.

މުބާރާތުގެ ފައިނަލްގައި ސިޓީ ބައްދަލުކުރާނީ އާސެނަލް އާއި ޗެލްސީ މިރޭ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗު ނިމުނީ ދެ ޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ.