English Edition
Dhivehi Edition
އާސެނަލް ކޮޅަށް ލަނޑުޖެހުމަށްފަހު މެންޗެސްޓާ ސިޓީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: އޭޕީ

އިނގިރޭސި ލީގުކަޕްގައި ރޭ ރަށުން ބޭރުގައި އާސެނަލް އަތުން 4-1 އިން ހޯދީ މޮޅާއެކު މެންޗެސްޓާ ސިޓީން އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށިތާ ފުރަތަމަ މިނެޓުގައި ސިޓީން ލީޑްނެގީ ގެބްރިއެލް ޖެސޫސް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ އޮލެގްސެންޑަ ޒިންޗެންކޯ ތަނަވަސްކުރި ފުރުޞަތަކުން ޖެސޫސް ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ 31 ވަނަ މިނެޓުގައި އާސެނަލްގެ ޒުވާން ތަރި ގެބްރިއެލް މާޓިނެއްލީ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން އަލެކްސެންޑަ ލަކަޒޭ ވަނީ އެއްވަރުކޮށްދީފައެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ނުވަވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ސިޓީގެ ވިންގާ ރިޔާދް މާރޭޒް ވަނީ ނަތީޖާ 2-1 އަށް ބަދަލުކޮށްލާފައެވެ. މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ އާސެނަލްގެ ކީޕަރު އަލެކްސް ރުނާސަންގެ އަތުގައިޖެހިފައެވެ.

އޭގެފަހުން، މެޗުގެ 59 ވަނަ މިނެޓުގައި ސިޓީގެ ފެނާންޑީނިއޯ ދިން ބޯޅައަކުން ފިލް ފޯޑެން އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިންއިރު، މެޗު ނިމެން 17 މިނެޓަށްވެފައިވަނިކޮށް ސިޓީގެ ފަހު ލަނޑުޖަހައިދިނީ ފްރާންސްގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް އެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު އަނެއް މެޗުގައި، އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަކުރަމުން އަންނަ ބްރެންޓްފޯޑް އަތުން ނިއުކާސަލް ޔުނައިޓެޑް ބަލިވީ 1-0 އިންނެވެ.

ކަރަބާއޯ ކަޕްގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކަށް ބަލާއިރު، ސްޓޯކް ސިޓީއާ ދެކޮޅަށް ޓޮޓެންހަމް ހޮޓްސްޕާ ނިކުންނައިރު، އެވަޓަން ނިކުންނާނީ މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.