އިނގިރޭސި ލީގު ކަޕްގެ ތިންވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލް އާއި ޗެލްސީ މޮޅުވެ އެ މުބާރާތުގެ ހަތަރުވަނަ ބުރަށް ދަތުރުކޮށްފިއެވެ.
ލެސްޓާ ސިޓީގެ ދަނޑުގައި 2-0 އިން އާސެނަލް މޮޅުވިއިރު، ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި އިނގިރޭސި ދެވަނަ ޑިވިޝަނުގެ ބާންސްލީ އަތުން 6-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.
ލެސްޓާގެ އިތުރުން އާސެނަލުން ގިނަ ބަދަލުތަކާއެކު ރޭގެ މެޗަށް ނިކުތްއިރު، ދެ ޓީމުން ވެސް ޒުވާން ގިނަ ކުޅުންތެރިންނަށް ވަނީ ފުރުޞަތުދީފައެވެ.
ކިންގްޕަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ގޯލެއް ޖެހިފައިނުވާއިރު، ރަނގަޅު ހަމަލާއެއް ވެސް އުފެއްދިފައެއްނުވެއެވެ. މި ހާފުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އާސެނަލްގެ ފޯވާޑް ރީސް ނެލްސަން ފޮނުވާލި ބޯޅަ ލެސްޓާގެ ބަދަލު ކީޕަރު ޑެނީ ވާޑް މަތަކުރިއެވެ. އޭގެފަހުން، އާސެނަލްގެ ޒުވާން ވިންގާ ބުކާޔޯ ސާކާ ނަގައިދިން ހުރަހަކުން ގޯލް ކުރިމަތިން ދިޔަ ބޯޅައެއް ފޮނުވާލަން މަސައްކަތްކުރި ޖޯ ވިލޮކްގެ އިތުރުން އެޑީ އެންކެޓިއާ އަށް ލިބޭގޮތެއްނުވިއެވެ.
ރޭގެ މެޗުގައި އާސެނަލުން ލީޑްނެގީ 57 ވަނަ މިނެޓުގައި ލެސްޓާގެ ކްރިސްޓިއަން ފުޗްސް އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މިއީ އާސެނަލްގެ ވިންގާ ނިކޮލަ ޕެޕޭ ޕެނަލްޓީއޭރިޔާގެ އަރިމަތިން ފޮނުވާލި ބޯޅައެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ގޯލްގެ ދަނޑީގައިޖެހިފައި، ފުޗްސްގެ ގައިގަ ޖެހިފައި ވަތް ގޯލެކެވެ.
ލެސްޓާ އަށް ނަތީޖާ ހަމަހަމަކުރުމަށް އަޔޯޒޭ ޕެރޭޒަށް ލިބުނު ފުރުޞަތުގައި ޕެނަލްޓީއޭރިޔާތެރޭގައި ހުހަށްހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އޭގެނަތީޖާއެއްގެ ގޮތުން، މެޗުގެ އެންމެފަހު މިނެޓުގައި އިނގިރޭސި 21 އަހަރުން ދަށުގެ ޓީމުގެ ޒުވާން ފޯވާޑް އެންކެޓިއާ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލައި، އާސެނަލަށް ހަތަރުވަނަ ބުރުން ޖާގަ ކަށަވަރުކޮށްދީފައެވެ.
މި މުބާރާތުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އަނެއް މެޗުގައި ސްޓެމްފޯޑް ބްރިޖްގައި ޗެލްސީން ވަނީ ބާންސްލީ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލާފައެވެ. މި މެޗުގައި ޗެލްސީން ޖެހި ހަ ލަނޑުގެ ތެރެއިން ތިން ލަނޑު ކާމިޔާބުކޮށްދިނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި 71 މިލިއަން ޕައުންޑްގެ އަގަކަށް އެ ޓީމަށް ގެނައި ޖަރުމަނުގެ ޒުވާން މިޑްފީލްޑަރު ކާއީ ހާވާޓްޒް އެވެ. ކާއީގެ އިތުރުން ޗެލްސީ އަނެއް ލަނޑުތައް ޖަހައިދިނީ ޓެމީ އެބްރަހަމް އާއި އޮލިވިއޭ ޖިރޫ އަދި ރޮސް ބާކްލޭ އެވެ.
ރޭގެ މެޗުތަކަށް ކަރަބާއޯ ކަޕްގެ ހަތަރުވަނަ ބުރުގައި ވާދަކުރާ ގިނަ ޓީމުތަކެއް ވަނީ ކަށަވަރުވެގެން ގޮސްފައެވެ. މިހާތަނަށްއައިއިރު މި މުބާރާތުގެ އަނެއް ބުރުގައި ވާދަކުރާ ޓީމުތަކުގެ ތެރޭގައި އާސެނަލް އާއި ޗެލްސީގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑާއި، ވެސްޓް ހޭމް ޔުނައިޓެޑް އަދި ނިއުކާސަލް ޔުނައިޓެޑާއި އެވަޓަން ހިމެނެއެވެ. ހަތަރުވަނަ ބުރުގައި ޗެލްސީން ލޭޓަން އޯރިއެންޓާއި ޓޮޓެންހަމް ހޮޓްސްޕާ ކުޅެގެން މޮޅުވާ ޓީމަކާ ދެކޮޅަށް ނިކުންނައިރު، އާސެނަލް ކުޅޭނީ ލިވަޕޫލާއި ލިންކަން ސިޓީ ކުރެން މޮޅުވާ ޓީމަކާއެވެ.
ލީގު ކަޕްގައި މިރޭ ކުޅޭ މެޗުތަކުގެ ތެރޭގައި ބޯންމައުތުއާ ދެކޮޅަށް އެންފަހުގެ ޗެމްޕިއަން ސިޓީ ނިކުންނަ މެޗާއި، ލިވަޕޫލާއި ލިންކަން ސިޓީ ބައްދަލުކުރާ މެޗު ފާހަގަކޮށްލެވެއެވެ. މި ދެ މެޗު ވެސް ފަށާނީ ރާއްޖޭގަޑިން މިރޭ 23:45 ގައެވެ.