އައްޑޫސިޓީ ފޭދޫގައި ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގެ ފައިނަލަށް ފޭދޫ ޔުނައިޓެޑް ފްރެންޑްސް ދަތުރު ކޮށްފިއެވެ.
އެޓީމް ފައިނަލަށް ދަތުރުކުރީ ސެމީގެ ފުރަތަމަ މެޗުގައި ފޭދޫ މެޖެންޓާއާ ބައްދަލުކޮށް 2-1 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑުނެގީވެސް ޔުނައިޓެޑް ފްރެންޑްސްއެވެ. އެ ލަނޑު އެޓީމަށް ޖަހައިދީފައިވަނީ ޖާޒީ ނަމްބަރު 9 އަލީ ލިރުޣާމެވެ. އޭނާ އެލަނޑުޖެހީ މެޗުގެ 21 ވަނަ މިނިޓުގައެވެ. އެލަނޑަށްފަހު އިތުރު ލަނޑެއްޖެހޭތޯ ދެޓީމުންވެސް ގެންދިޔައީ މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމުނީ 1-0 އިން ޔުނައިޓެޑް ފްރެންޑްސް ކުރީގައި އޮވެގެންނެވެ.
ފަހު ހާފުގެ ކުޅުންފަށައި 76 ވަނަ މިނިޓުގައި އެޓީމުންވަނީ ދެވަނަ ލަނޑުޖަހައި ލީޑު ފުޅާކޮށްފައެވެ. އެ ލަނޑު އެޓީމަށް ޖަހައިދިނީ ޖާޒީ ނަމްބަރު 22 މުހައްމަދު އަތީފެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީވެސް އޭނާއެވެ. މެޖެންޓާގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެޓީމުގެ ކެޕްޓަން އަލީ ނާފިއު (ކަޅޭ) އެވެ.
މެޖެންޓާގެ ކެޕްޓަން އަލީ ނާފިއު ބުނީ މިއަދުގެ މެޗުގައި އެޓީމުން ރަނގަޅަށް ކުޅުނު ކަމަށެވެ. އެހެންނަމަވެސް ފުރަތަމަ ހާފުގައި ގޯލެއްވަން ހިސާބުން ފެށިގެން އޮއިވަރު ބަދަލުވާން ފެށި ކަމަށް އޭނާ ބުންޏެވެ. “މިއަދުގެ މެޗު މެޖެންޓާއިން ރަނގަޅަށް ކުޅުނު. އެކަމަކު އަހަރެމެން ކޮޅަށް ގޯލެއް ވަން ހިސާބުން ފެށިގެން ސަކަރާތްވީ. ދެވަނަ ހާފު ފަށައިގެންވެސް ރަނގަޅަށް ކުޅުނީ މެޖެންޓާ ޓީމް. ރަނގަޅު ހަމަލާވެސް އުފެއްދި،” ކަޅޭ ބުންޏެވެ.
މުބާރާތުގެ ދެވަނަ ސެމީފައިނަލް ކުޅޭނީ މާދަމާއެވެ. ބައްދަލުކުރާނީ މަރަދޫފޭދޫ އެފްސީއާއި، ހިތަދޫ ނެކްސަސްއެވެ. މި މެޗުވެސް ކުޅޭނީ މާދަމާ ހަވީރު 4:00 ގައި ފޭދޫ ފުޓުބޯޅަ ދަނޑުގައެވެ. މިމެޗު ބަލަންދާ މީހުންނަށްވެސް ހާޝީޒް ގިފްޓް ޕެކް ލިބޭނެއެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. މީޑިއާ ޕާޓުނަރަކީ އޭއޯ ނިއުސް އެވެ. މިއީ އައްޑޫގައި ފުޓުބޯޅު ކުޅުންތެރިން އުފައްދައި އާލާކުރުމަށް ދިފޭދޫ ސްޕޯޓްސްއާއި، ފޭދޫ ޒުވާނުން ގުޅިގެން ބާއްވާ މުބާރާތެކެވެ.