English Edition
Dhivehi Edition

ހެޕީމާކެޓު ގޯދިއްޔާ ފުޓުސަލްކަޕް ސެމީފައިނަލުން އެފްސީ ބޭރުމަތި ބަލިކުރުމަށް އެފްސީ ޒެފިއާއޮތީ ކެތްމަދުވެފައި ކަމަށް އެޓީމުގެ ކޯޗު އަދި ކުޅުންތެރިއާ ޝަމްވީލް ޤާސިމް (ބޮންޑާ) ބުނެފިއެވެ.

އައްޑުސިޓީ މަރަދޫ ވެންބޮޅޮފިށި ސްޓޭޑިއަމުގައި މިރޭ ކުޅޭ ސެމީގެ ފުރަތަމަ މެޗުގައި މި ދެޓީމު ބައްދަލުކުރާއިރު ބޮންޑާބުނީ އޭނާގެ ޓީމުއޮތީ ވަރަށްބޮޑަށް ތައްޔާރުވެފައި ކަމަށެވެ. އެހެންނަމަވެސް މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ވެސް އެޓީމު މޮޅުވެފައިވަނީ އިދިކޮޅު ޓީމުން ލީޑުނަގައިފައިވަނިކޮށް ފަހަތުން އަރައި ކަމަށްވާތީ ބޮންޑާގެ ހުރިހާ ވިސްނުމެއް މިރޭ ބަހައްޓާނީ ލީޑުނަގައިގެން މެޗުން މޮޅުވުމަށެވެ. “އަބަދު އެއްގޮތެއް ނުވެދާނެ. އެންމެފުރަތަމަ ސިކުންތުން ފެށިގެން އެންމެ ފަހު ސިކުންތާ ހަމައަށް މަސައްކަތް ކޮށްގެން ކާމިޔާބުވާނީ. އިދިކޮޅުން ލަނޑުޖެހީމައި ދެން ކުރަންޖެހޭ މަސައްކަތް ޑަބަލްވާނެ. އެހެންވީމާ މިރޭ މަސައްކަތް ކުރާނީ ލީޑުނަގައިގެން މެޗުން މޮޅުވާން” އޭނާ ބުންޏެވެ.

ބޮންޑާ ބުނާ ގޮތުގައި އޭނާގެ ޓީމަކީ ދެރަ ޓީމެއް ނޫނެވެ. ކޮންމެ ކުޅުންތެރިއަކީ ވެސް އެންމެފަހުވަގުތާ ހަމައަށް ކަށިން ހިތްވަރު ނެރެގެން މެޗުން މޮޅުވުމުގެ ރޫޙުގައި ކުޅޭ ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ. “ބޭރުމަތި މި ނުކުތީ ތަށި މިލްކުކުރާން. އެހެންވީމާ އެމީހުންގެ އެ ތިބި މޮޅެތި ކުޅުންތެރިންގެ ހުނަރު ބޭނުންކޮށްގެން އެމީހުން ބަލާނެ ކޮންމެ ގޮތެއް ހަދައިގެން ވެސް ފައިނަލަށްދާން. ފައިލަށް ގޮސްގެން އެމީހުންނަށް ތަށްޓާ ހަމައަށް ދެވެން މިއޮންނަނީ. މިމެޗަށް އެމީހުން ވަރަށް އިސްކަމެއް ދޭނެ،” ބޮންޑާ ބުންޏެވެ.

މިމެޗު ފަށާނީ މިރޭ 10:00 ގައެވެ.