ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ “މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން މިއަދު ލ. އަތޮޅު ހިތަދޫގައި އޭޓީއެމްގެ ހިދުމަތް ފަށައިފި އެވެ.
އޭޓީއެމް ހިދުމަތް ތައާރަފްކުރުމަށާއި ބްރާންޗްގެ ބިންގާ އެޅުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ހިތަދޫއާއި މާވަށުގެ އިތުރުން މި ހަފްތާތެރޭގައި ބީއެމްއެލް އިން ކުނަހަންދޫ، ދަނބިދޫ، މާބައިދޫ، މުންޑޫ، އިސްދޫ އަދި ކަލައިދޫގައި އޭޓީއެމްގެ ހިދުމަތް ގާއިމުކޮށް މުޅި ލ. އަތޮޅަށް ބީއެމްއެލް އޭޓީއެމް ވިއުގަ ފުޅާކުރާނެއެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ލ. އަތޮޅުގެ މި ހަތް ރަށުގައި އޭޓީއެމް ގާއިމުކުރެވުމާއެކު، ‘މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް’ މަޝްރޫއުގެ ދަށުން މިއަހަރު އަލަށް އޭޓީއެމް ގާއިމުކުރެވުނު ރަށްތަކުގެ އަދަދު 103 އަށް އަރާނެކަމަށެވެ.” ޝައްކެތް ނެތް ގޮތުގައި މިއީ މިހާތަނަށް އަޅުގަނޑުމެން ހިންގާ އެންމެ ބޮޑު އެއް ޕްރޮޖެކްޓް. މިއިން ދޭހަކޮށްދެނީ ރައްޔިތުންގެ މާލީ ބައިވެރިވުން އިތުރުކުރުމަށާއި ރަށްރަށުގެ ތަރައްގީއަށް އަޅުގަނޑުމެންދޭ އިސްކަން.” ޝަރީފް ވިދާޅުވިއެވެ.
ބީއެމްއެލް އިން ބުނީ މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 194 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 252 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.