ދުނިޔޭގެ 40 އަށް ވުރެ ގިނަ ގައުމުގެ މަންދޫބުން ބައިވެރިވާ ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އޭޝިއާ، އޯޝޭނިއާ އަދި އިންޑިއަން އޯޝަން 2026 ގެ ގާލާ ސެރެމަނީގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައިފި އެވެ. ރާއްޖޭގައި ބާއްވާ މި ބޮޑު ހަފުލާގެ އެއްބަސްވުމުގައި ބީއެމްއެލްއާ އެކު ސޮއިކުރީ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުންނެވެ.
މި އެއްބަސްވުމުގައި ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ފަރާތުން މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޔާސިރު ސޮއިކުރެއްވި އިރު، ގައުމީ ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ މުހައްމަދު ޝަރީފެވެ. މި ޕާޓްނާޝިޕްގެ މައިގަނޑު ބޭނުމަކީ ބައިނަލްއަގުވާމީ ފެންވަރުގެ މި ބޮޑު ހަރަކާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދިނުމެވެ.
މި އެވޯޑް ހަފުލާގައި ބައިވެރިވާ 40 އަށް ވުރެ ގިނަ ގައުމުގެ ތެރޭގައި މަޝްހޫރު ހޮޓެލްތަކާއި ރިސޯޓުތަކުގެ އިސްވެރިންގެ އިތުރުން، އެ ގައުމުތަކުގެ ޓޫރިޒަމް ބޯޑުތަކާއި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތައް ހިމެނެ އެވެ. އަދި އިންޓަނޭޝަނަލް ޓްރެވަލް ޓްރޭޑް މީޑިއާތަކާއި ދުނިޔޭގެ މަގުބޫލު އެއާލައިންތަކުން ވެސް މި ހަފުލާގައި ބައިވެރިވާނެ އެވެ.
ވިޒިޓް މޯލްޑިވްސް އިން ބުނީ، ދިހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ޑަބްލިއުޓީއޭ އަލުން ރާއްޖޭގައި ބޭއްވުމަކީ ދުނިޔޭގެ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތައް އެއްތަނަކުން ބައްދަލުވެ، ޕްރޮފެޝަނަލް ގުޅުންތައް ބަދަހިކުރަން ލިބޭނެ ވަރަށް އަގުހުރި ފުރުސަތެއް ކަމަށެވެ. މީގެ އިތުރުން މިއީ ރާއްޖޭގެ ޓޫރިޒަމް ސިނާއަތަށް ލިބޭ ބޮޑު ޝަރަފެކެވެ.
މިފަދަ ބައިނަލްއަގުވާމީ މުހިންމު އިވެންޓެއް ރާއްޖޭގައި ބޭއްވުމަކީ ދުނިޔޭގެ ލީޑިން ޑެސްޓިނޭޝަންގެ ގޮތުގައި މޯލްޑިވްސް އޮތް މަގާމު އިތުރަށް ސާބިތުކޮށްދިނުމަށް އެޅޭ ބާރެއް ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުންޏެވެ. އަދި މި ހަފުލާގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މޯލްޑިވްސް އިތުރަށް އިސްތިހާރުވެގެންދާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ފާހަގަކުރި އެވެ.