English Edition
Dhivehi Edition

ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގެ ދެވަނަ ބުރުގެ ފަހު މެޗުގައި ހިތަދޫ ނެކްސަސްއާއި، ފޭދޫ މެޖެންޓާ މިއަދު ކުޅުނު މެޗު ނެކްސަސް ކާމިޔާބު ކޮށްފިއެވެ.

އެ ޓީމުން މެޖެންޓާ ބަލިކުރީ 3-0 ލަނޑުންނެވެ. އެ ދެޓީމް ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗުވެސް ހަމަ މިނަތީޖާއިން ކާމިޔާބުކުރީ ނެކްސަސްއެވެ. ފޭދޫ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗުގެ ފުރަތަމަ ލަނޑުޖަހައި ލީޑުނެގީވެސް ނެކްސަސްއެވެ. މެޗުގެ 70 ވަނަ މިނިޓްގައި އެލަނޑު ޖަހައިދިނީ އެޓީމުގެ ޖާޒީ ނަމްބަރު 7 ހަސަން ރާއިފް އަހުމަދެވެ. ދެވަނަ ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި ޖަހައިދިނީ ޖާޒީ ނަމްބަރު 2 މުހައްމަދު ދާނިޝް އެވެ. ތިވަނަ ލަނޑު އެޓީމަށް ޖަހައިދީ ލީޑު އިތުރަށް ފުޅާކުރީ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުންނެވެ. އެ ލަނޑު ޖަހައިދިނީ އެޓީމުގެ ޖާޒީ ނަމްބަރު 9 މުހައްމަދު އިންޝަލް އެވެ.

މިއަދުގެ މޮޅާއެކު ނެކްސަސްވަނީ ޖުމްލް 7 ޕޮއިންޓާއެކު ގްރޫޕް ބީ ގެ އެއްވަނަ ހޯދައިގެން ސެމީއަށް ދަތުރުކޮށްފައެވެ.

މި މެޗުގެ މޮޅުކުޅުންތެރިއާގެ މަގާމު ހޯދީ މެޗުގެ ފުރަތަމަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ ހުސައިން ރާއިފް އަހުމަދެވެ.

މި މުބާރާތުގެ ކުޅުން މާދަން ނޯންނާނެއެވެ. ދެން މެޗެއް ކުޅޭނީ މި މަހު 24 ވަނަ ދުވަހުއެވެ. އެއީ ސެމީގެ ފުރަތަމަ މެޗެވެ. ބައްދަލުކުރާނީ ފޭދޫ ދެޓީމް ކަމަށްވާ ޔުނައިޓެޑް ފްރެންޑްސްއާއި މެޖެންޓާއެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. އެތަނަކީ ހާޝީޒް ބްރޭންޑުގެ ގިނަތަކެތި ރާއްޖެއަށް އެތެރެކޮށް ވިއްކާތަނެކެވެ. ހެޕީމާކެޓުން ގެންދަނީ މިފަދަ ހަރަކާތްތަކަށް ވަރަށްބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.