އިދިކޮޅު އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ބައިވެރިންގެ ގަޔަށް ބަޑި ޖަހަން، ސޯޝަލް މީޑިއާގައި ގޮވާލި ޝުއައިބް އަލީ ފުލުސް އޮފީހަށް ހާޒިރު ކުރަން ނިންމައިފިއެވެ.
ޝުއައިބު ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ “މުޒާހަރާގެ ބައިވެރިން ހުއްދަ ދިން ގޮތާ ހިލާފުވާނަމަ ތަޅައި ތިރިކޮށްލަންވީ، ބަޑި ވެސް ޖަހަންވީ” ކަމަށެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތުމަތު ޒަހިއްޔާ (ޒާޔާ) ސޯޝަލް މީޑިއާގައި ކުރި ޕޯސްޓަކާ އެކު ފޯނު ހިފެހެއްޓި ނަމަވެސް ޝުއައިބު އެމްޑީޕީގެ އާންމު މެންބަރުންނަށް އިންޒާރު ދިނުމުން އޭނާއާމެދު ފިޔަވަޅު އަޅާފައިނުވާތީ ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
ޝުއައިބުގެ ޕޯސްޓާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައިވާއިރު ޝުއައިބު ވެސް ވަނީ އޭނާ ފުލުހަށް ހާޒިރު ކުރާކަން ކަށަވަރުކޮށްދީފައެވެ. އެގޮތުން އޭނާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ ކުރި އެ ޕޯސްޓާ ގުޅިގެން ގަލޮޅު ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފައިވީ ނަމަވެސް މިވަގުތު އޭނާ ހުރީ އަތޮޅުތެރޭގައި ކަމުން އޭނާގެ ބަޔާން ނެގުމަށް ފުލުހުން އެހެން ގޮތެއް ހަމަޖައްސަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެފައެވެ.