English Edition
Dhivehi Edition
-ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފާއިތުވި ހަފްތާގައި ފުލުހުންނަށް ހުށަހެޅުނު ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ފައިސާގެ ތެރެއިން ދެ ލައްކައަށްވުރެ ގިނަ ފައިސާ ހޯދައިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވ.

އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ސެޕްޓެންބަރު މަހުގެ 28 އިން އޮކްޓޫބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ 42 މައްސަލައެއް ހުށަހެޅިފައިވެއެވެ. މިމައްސަލަތަކުގައި ޖުމްލަ 318،342.50 ރުފިޔާ ގެއްލިފައިވާއިރު، މިފައިސާގެ ތެރެއިން ޖުމްލަ 221،243.33 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

މި މުއްދަތުގައި ހުށަހެޅުނު މައްސަލަތަކަށް ބަލާއިރު، ސްކޭމްގެ އެންމެ ގިނައިން ހުށަހެޅިފައިވަނީ އިކޮމަރސް ނުވަތަ އޮންލައިން ވިޔަފާރިއާ ގުޅުންހުރި މައްސަލަތަކެވެ. އެގޮތުން މިފަދަ 19 މައްސަލައެއް ހުށަހެޅިފައިވާއިރު، ދެން އެންމެ ގިނައިން ހިމެނެނީ ކަރަންސީ އެކްސްޗޭންޖުގެ މައްސަލަތަކެވެ. ކަރަންސީ އެކްސްޗޭންޖުގެ 6 މައްސަލައެއް ހުށަހެޅިފައިވާއިރު، މި މުއްދަތުގައި އިމްޕަރސޮނޭޝަންގެ 7 މައްސަލަ ހުށަހެޅިފައިވެއެވެ. އަދި ފިޝިންގ، ވިޝިންގ އަދި ޖޮބް ސްކޭމްގެ 3 މައްސަލައަކާއި އެހެނިހެން 7 މައްސަލައެއް ހުށަހެޅިފައިވެއެވެ.

އެންޓި ސްކޭމްގެ ސެންޓަރުގެ ހަފްތާގެ ތަފާސް ހިސާބަށް ބަލާއިރު ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވާ މަންސަތަކަކީ ފޯންކޯލް، އައިބޭ، އޮންލައިން މެސެޖިންގ މަންސަތައް، ފިޝިންގ ލިންކުތައް އަދި ފޭސްބުކް މާކެޓް ޕްލޭސްއެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ސްކޭމް ސެންޓަރުން މައުލޫމާތު ދެއެވެ. އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުންކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެކަމެއްކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ.