English Edition
Dhivehi Edition
އައްޑޫ ސިޓީ ސްކެއާ/ ފޮޓޯ: ކައުންސިލް

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ހިޔާލު ހޯދަން ނަގާ ވޯޓަށް 18 ވޯޓު ފޮށި ބަހައްޓާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްގެ “ރާއްޖެމިއަދު” ޕްރޮގްރާމުގައި ޒާހިދު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނައުމަށް ނަގާ ވޯޓުގައި ބައިވެރިވެވޭނީ ހުޅުދު އާއި މީދު އާއި ފޭދޫގެ ރައްޔިތުންނަށް އެކަނި ކަމަަށެވެ.

މި ވޯޓުގައި ހުޅުދޫ އާއި މީދޫގެ ރައްޔިތުންނާ ދެ ސުވާލެއް ކުރުމަށް ހަމަޖެހިފައިވެއެވެ. އެ ގޮތުން ސުވާލު ކުރާނީ މީދޫ ވަކި ކައުންސިލެއްގެ ގޮތުގައި ހިންގަން ފެނޭތޯ އަދި ހުޅުދު އާއި މީދޫ ކައުންސިލް، އެއް ކައުންސިލެއްގެ ގޮތަށް ހިންގަން ފެނޭތޯ އެވެ. އަދި ހުޅުދޫ ރައްޔިތުންނާއި ސުވާލުކުރާނީ އައްޑު އަތޮޅު ހުޅުދުއަށް ހާއްސަކުރެވިގެން ހުޅުދޫ ކައުންސިލް އުފައްދަން ފެނޭ ހެއްޔެވެ؟އައްޑު އަތޮޅު ހުޅުދު އާއި މީދޫ އެއް ކައުންސިލެއްގެ ދަށުން ހިންގުމަށް ދެ ރަށުގައި އެއް ކައުންސިލެއް ހިންގަން ފެނޭ ހެއްޔެވެ؟ ޒާހިދު ވިދާޅުވީ ފޭދުއަށް ކުރާނީ އެންމެ ސުވާލެއް ކަމަށާއި އެއީ އެ ރަށަށް ހާއްސަ ވަކި ކައުންސިލެއް އުފައްދަން ފެނޭތޯ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އެހެން އިންތިހާބުތަކުގައި އެ މީހަކު ރަށްވެހިވެގެން އުޅޭ ތަނެއްގައި ވޯޓުލުމުގެ އިންތިޒާމު ހަމަޖައްސައިދިނަސް މި އިންތިހާބުގައި އެ އިންތިޒާމު ހަމަނުޖައްސާނެ ކަމަށެެވެ. ރީރަޖިސްޓްރީކުރަން ފުރުސަތު ދިނަސް އެ ފުރުސަތު އޮންނާނީ ހަމައެކަނި ވޯޓު ފޮށި ބަހައްޓާ ރަށްތަކުގެ ތެެރެއިން ރަށެއްގައި ރަޖިސްޓްރީވުމަށް ކަމަށް ޒާހިދު ވިދާޅުވި އެވެ.

ވޯޓު ފޮށި ބަހައްޓާ ތަންތަނާއި އަދަދު:

  • ހުޅުދޫގައި 3 ފޮށި.
  • މީދޫގައި 3 ފޮށި.
  • ފޭދޫގައި 5 ފޮށި.
  • މާލޭގައި ހުޅުދޫ ރައްޔިތުންނަށް 3 ފޮށި.
  • މާލޭގައި މީދޫއަށް ހާއްސަ 1 ފޮށި.
  • މާލޭގައި ފޭދޫ މީހުންނަށް 3 ފޮށި.

ޒާހިދު ވިދާޅުވީ މާލޭގައި ތިން ރަށުގެ މީހުން ވޯޓުލުމަށް ބަހައްޓާ ފޮށި ވެސް ހުންނާނީ އެއް މަރުކަޒެއްގައި ކަމަށެވެ.