English Edition
Dhivehi Edition
އައްޑޫގައި ކުރިއަށް ގެންދިޔަ "އަހަންނަކީ ނޫސްވެރިއެއް" ޕްރޮގްރާމު ނިންމުމުގެ ގެ ތެރެއިން/ ފޮޓޯ ޕީއެސްއެމް

ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިސްނަގައިގެން ރައްޔިތުން ހޭލުންތެރިކުރުމަށް އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ “އަހަންނަކީ ނޫސްވެރިއެއް” ޕްރޮގުރާމް ނިންމާލައިފިއެވެ.

3 ދުވަހުގެ މުއްދަތައް އައްޑޫ ސިޓީ ހިތަދޫގައި ކުރިއަށްގެންދިޔަ މި ޕްރޮގުރާމްގައި އައްޑޫސިޓީގެ އެކި ރަށްތަކުން ޖުމުލަ 37 މީހުން ވަނީ ބައިވެރިވެފައެވެ.

ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ސިލްސިލާ ގޮތެއްގައި ހިންގާ މި ޕްރޮގްރާމަކީ, އެ ޕްރޮގްރާމެއް އަމާޒު ކުރާ އަތޮޅުތަކަށް ނިސްބަތްވާ އޮންލައިން އަދި ބްރޯޑްކާސްޓް މީޑިއާ އަދި ނޫސްވެރިންގެ އިތުރުން އިޖުތިމާޢީ މަސައްކަތް ކުރާ ޖަމްޢިއްޔާތަކާއި، ސަރުކާރުގެ އޮފީސްތަކާއި ކައުންސިލް އިދާރާތަކަށް ބޭނުންތެރި ދާއިރާތަކުން ޢިލްމީ ފެންވަރުގައި މަޢުލޫމާތު ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމްގެ މަޤުޞަދަކީ ދޮގު ޚަބަރާއި މަޢުލޫމާތުތަކަށް ހޭލުންތެރިކުރުވުމާއި، މީޑިއާއަށް ވިލުންތެރި މަސައްކަތްތެރިން އުފެއްދުމެވެ.

މި ޕްރޮގްރާމްގެ ތެރެއިން، އާރޓިފިޝިއަލް އިންޓެލިޖެންސާއި އެކީ އުޅެން ދަސްކުރުމާއި ދޮގު ހަބަރު ފެތުރުން ހުއްޓުވުމަށް ކުރެވިދާނެ، މުޖުތައުއާއި ގުޅުން ހުރި އެކި ސެޝަންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އެކިއެކި މަންސަތަކުގައި ފެތުރެމުންދާ އަދި ގަސްތުގައި ފަތުރާ ޚަބަރާއި މަޢުލޫމާތުގެ ސައްހަކަން ދެނެގަންނާނެ ގޮތްތަކާއި އެ މަޢުލޫމާތަކާ ގުޅިގެން އެ ބަޔަކު ނިސްބަތްވާ މުޖުތަމަޢުގައި ބައިވެރިންނަށް އަމަލު ކުރެވިދާނެ އަދި އަދާކުރެވިދާނެ ދައުރު ވަނީ ބުނެދީފައެވެ. އަދި ނޫސްވެރިކަމުގެ ޢާންމު ހަމަތަކާއި, ތަހުޤީޤީ ނަޒަރިއްޔާއަކުން ކަންކަން ދެނެގަންނާނެ ގޮތްތަކަށް ވަނީ އަލިއަޅުއްވާލާފައިވެ.

މި ޕްރޮގްރާމް ނިންމުނުގެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައްޑޫ ސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ ކޮންމެ މީހަކަށްވެސް ނޫސްވެރިއަކަށް ވެވިދާނެކަމަށާއި އެމީހަކު ބޭނުންވާ މެސެޖު ފޯރުކޮށްދިނުމުގެ ފުރުސަތު އެބައޮތްކަމަށެވެ. އެގޮތުން ދުނިޔޭއަށް ބަލާއިރު ހަބަރު ފެތުރުމުގައި މީޑިއާއަށްވުރެއް ވަކި ވަކި މީހުންގެ ނުފޫޒުގަދަކަމަށް ނިޒާރު ފާހަގަކުރެއްވިއެވެ. އެގޮތުން ސޯޝިއަލް މީޑިއާގެ އެކި ޕްލެޓްފޯރމްތަކުގައި ހިއްސާކުރާ މެސެޖު މުޅި ދުނިޔޭގެ ސަމާލުކަމަށް އަންނަ ފަހަރުވެސް މަދު ނޫންކަމަށް މޭޔަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމުގައި ކައުންސިލް އިދާރާއާއި ސަރުކާރު އެކި އިދާރާތަކުގެ މުވައްޒަފުންނާއި ޖަމިއްޔާތަކުންނާއި އަދި އޮންލައިން ނޫސްތަކުން ވަނީ ބައިވެރިވެފައެވެ.