ބައިނަލްއަގުވާމީ އުމުރުން ދުވަސްވީ މީހުންގެ ދުވަސް ފާހަގަކުރުމަށް އިޖުތިމާއީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން 07 އަތޮޅެއްގައި ‘އުފާވެރި ރާސްތާ’ ޕްރޮގްރާމްތައް ބޭއްވުމަށް ނިންމައިފިއެވެ.
އެގޮތުން، މި ޕްރޮގްރާމުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ލ.މާމެންދޫ، ގއ.ދާންދޫ، ހދ.ކުރިނބީ، ށ.މިލަންދޫ، ރ.އިނގުރައިދޫ، ކ.ތުލުސްދޫ އަދި ހއ.ކެލާއެވެ. އުމުރުން ދުވަސްވީ މީހުންނަށް އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބާއްވާ މި ޕްރޮގްރާމުތައް ކުރިއަށްދާނީ މިއަދުއެވެ. މި ޕްރޮގްރާމް ކުރިއަށްދާ ގޮތަށް ހަމަޖެހިފައިވަނީ މި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެންނެވެ.
އުފާވެރި ރާސްތާ ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އުފާވެރި މާހައުލަކުން އިސްރަށްވެހިން އެކަކު އަނެކަކާއި ބައްދަލުވެ ޚިޔާލު ބަދަލް ކުރުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްގީ އާއި ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. އަދި އިޖުތިމާއި އަދި ސިއްހީ ގޮތުން ދުޅަހެޔޮ ބައެއްގެ ގޮތުގައި ތިބުމަށް އެފަރާތްތައް ސަމާލުކަންދޭންވީ މުހިންމުކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުންކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
ހަމައެހެންމެ، މި ޕްރޮގްރާމަކީ، އިސްރަށްވެހިންގެ ދިރިއުޅުމުގެ ތަޖުރިބާތައް މި ޖީލާއި ހިއްސާކޮށްލުމުގެ ފުރުސަތު ވެސް ލިބިގެންދާ ޕްރޮގްރާމެކެވެ.