English Edition
Dhivehi Edition

ގައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހުން ބިޒްނަސް ފޯރަމެއް ބާއްވަން ތައްޔާރު ވެއްޖެއެވެ.

މިފޯރަމް ބާއްވަނީ މިހިނގާ ސެޕްޓެމްބަރ 25 އިން 26 ހުގެ ނިޔަލަށެވެ.

މިފޯރަމްގެ މައިގަނޑު މަގުސަދަކީ ވިޔަފާރީގެ ތަފާތު އެކި ވިސްނުންތައް އެއްކޮށް، ގުޅުވައިދީ އައު ހިޔާލުތަކާއި އީޖާދުތައް ހާމަކުރެވޭފަދަ މާހައުލެއް ދަރިވަރުންނާއި މުޖްތަމައުގެ ފަރުދުންނަށާއި އަދި އެކި ސިނާއަތްތަކަށް ފޯރުކޮށްދިނުން ކަމަށް މި ފޯރަމް އިންތިޒާމް ކުރާފަރާތުން ބުނެއެވެ.

އަދި ދަރިވަރުންގެ އުފެއްދުންތެރިކަމާއި ވިޔަފާރިވެރިކަން ދައްކުވައިދިނުމުގެ އިތުރުން އުފެއްދުންތެރި ހައްލުތަކާއި އަލަށް ފާހަގަވަމުންދާ ހުނަރުވެރިންގެ ހުނަރުތައް ދައްކުވައި ދިނުންވެސް ހިމެނެއެވެ.

މީގެ އިތުރުން މަސައްކަތުގެ ދާއިރާއާ ގުޅޭ ޙަޤީޤީ މަޢުލޫމާތު ފޯރުކޮށް ދިނުމާއި މާނަހުރި ގުޅުންތައް ބަދަހިކުރުމުގެ ފުރުޞަތުތައް ދަރިވަރުންނަށާއި މުޖްތަމައުގެ ވަކިވަކި ފަރުދުންނަށް ހޯދާ ދިނުންވެސް ހިމެނެއެވެ.

މިފޯރަމްގެ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ދަރިވަރުންގެ ވިޔަފާރި ހުނަރު ދައްކުވައިދޭ ސްޓޯލް، ވަގުތުން ހުށަހަޅާދޭ ޕިޗް ކޮމްޕެޓިޝަން، ދަރިވަރުންނާއި ވިޔަފާރި ތަކުގެ ނެޓްވާރކިންގ އިތުރުކުރެވޭފަދަ ހަރަކާތްތައް، ފައިސާގެ މުއާމަލާތް ރަނގަޅަށް ކުރާނެގޮތުގެ މައުލޫމާތު ދިނުން، ސްކޫލް ތަކުގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ދިނުން، ވިޔަފާރިތަކުގެ ސްޓޯލްތަކުން ހާއްސަ ޑިސްކައުންޓް ތަކާއި އެކު އެއްޗެތި ގަނެވުމުގެ ފުރުސަތު ފަހިކޮށް ދިނުން، އަދި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވޭ ހާއްސަ ޕެނަލް ޑިސްކަޝަން ހިމެނެއެވެ.

މިފޯރަމްގެ މައިގަނޑު ތީމްއަކީ “ ކަނެކްޓިންގ އެކަޑެމިއާ އިންޑަސްޓްރީ އެންޑް ކޮމިއުނިޓީ ފޯ ސަސްޓެއިނެބްލް ބިޒްނަސް ގްރޯތް އެންޑް އިނޮވޭޝަން” އެވެ.

މިއީ މިހާތަނަށް އައްޑޫސިޓީގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ގިނަ ހަރަކާތްތައް އެކުލެވިގެން ބޭއްވޭ ބިޒްނަސް ފޯރަމެވެ.