English Edition
Dhivehi Edition

ސެޕްޓެމްބަރ މަހުގެ ފަހުކޮޅުގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބާއްވާ ރިޔާސީ ބަހުސްގެ ދައުވަތު ރައީސް އަބްދުﷲ ޔާމީން ގަބޫލުފުޅުކުރައްވައިފި އެވެ

ގައުމީ ޔުނިވަސިޓީ އާއި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމްކުރާ ރިޔާސީ ބަހުސަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުރމަތި ލައްވާފައިވާ ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް ޔާމީނާއި އިދިކޮޅު އިްތިޙާދުގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ސޯލިހް އަށް ވަނީ ދައުވަތު ދެއްވާފައެވެ

ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ރޭ ކުރެއްވި ޓުވީޓެއްގައި، ރިޔާސީ ބަހުސްގެ ދައުވަތު ރައީސް ޔާމީން ގަބޫލުފުޅުކުރެއްވި ކަން އިއުލާންކުރައްވައިފަ އެވެ

ރިޔާސީ ބަހުސާއި ބެހޭގޮތުން އެމްއެންޔޫގެ ވައިސް ޗާންސެލާ އަލީ ފަވާޒް ޝަރީފް ވިދާޅުވެފައިވާ ގޮތުގައި ބަހުސްގެ މަގްސަދަކީ ފުރިހަމަ އަށް މައުލޫމާތު ލިބިގެން ހުރެ ރިޔާސީ އިންތިހާބުގައި ވޯޓުލާނެ ކެންޑިޑޭޓެއް ނިންމަން ފުރުސަތު ރައްޔިތުންނަށް ދިނުމެވެ

ރިޔާސީ ބަހުސްގައި، ކެންޑިޑޭޓުންނާ ގުޅުން ހުރި މައުލޫމާތާއި ފަސް އަހަރުގެ ދައުރެއްގައި ވެރިކަން ކުރައްވާނެ ގޮތް ރައްޔިތުންނަށް ތަސައްވަރު ކުރެވޭފަދަ ސުވާލުތައް ހިމެނޭނެ ކަމަށާއި، ސުވާލުތަކާއި ބަހުސާ ގުޅޭ އެހެން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދާނީ ގައުމީ ޔުނިވާސިޓީން ކަމުގައިވެސް މައުލޫމާތު ލިބެއެވެ.

.