English Edition
Dhivehi Edition
ރައީސް ޑރ.މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް

ބޮޑުހިލައިގެ ޝިޕްމަންޓް ލިބުމާއެކު، ފީއަލީގައި ހުއްޓިފައި އޮތް ބިންހިއްކުމުގެ މަޝްރޫއު، އަލުން ފެށިގެންދާނޭކަމުގެ ޔަޤީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ރައްޔިތުންނާއި އަދު ރަށުގެ އިސްވެރިންނާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން، ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންފައިވާ ގޮތަށް، ޖުމުލަ 15 ހެކްޓަރުގެ ބިން ހިއްކޭނޭ ގޮތަށް، އެ މަޝްރޫއު ކުރިއަށްގެންދަވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފީއަލީގެ އިތުރުންވެސް، ބޮޑުހިލަ ނުލިބުމުގެ ސަބަބުން މަސައްކަތް ހުއްޓިފައި ހުރި ރަށްރަށުގެ މަސައްކަތް، އާ ޝިޕްމަންޓްތައް ލިބެމުންދާ މިންވަރަކުން އަލުން ފަށައިގެން ކުރިއަށްގެންދަވާނެކަން ފާހަގަކުރައްވައި، ފީއައްޔަށް ބޭނުންވާ ޝިޕްމަންޓްވެސް ވަރަށް އަވަހަށް ގެނެވޭނޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ފ އަތޮޅު މަދަރުސާގައި ބޭއްވެވި މި މަޝްވަރާ ބައްދަލުވުމުގައި ރައީސް ވަނީ، ރަށުގެ ތަރައްގީ އާއި އާންމު ދިރިއުޅުމުގެ ކަންތައްތަކާ ގުޅޭގޮތުން ބައިވެރިންނާ ހިޔާލުބަދަލުކުރައްވައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައްޔިތުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި، ހުއްޓިފައި ހުރި މަޝްރޫއުތައް އަލުން ފެށި، އަލަށް ފަށާ މަޝްރޫއުތައްވެސް އެއްވާނެއްގައި ގޮސް ނިންމާލުމުގެ މުހިންމުކަން ހިމެނެއެވެ. އަދި ފީއަލީ އައިސްޕްލާންޓާ ގުޅިގެން ހިލާފު އުފެދިފައިވާ ކަންކަމަށް ހައްލެއް ހޯދުމުގެ މައްޗަށްވެސް ރައްޔިތުންގެ މަންދޫބުން ވާހަކަފުޅުދައްކަވާފައިވެއެވެ.

ރައްޔިތުން އަލިއަޅުއްވާލެއްވި ކަންކަމަކީ، ތަރުތީބުކުރެވި، ފެށި، ނުވަތަ ފެށުމުގެ މަރުޙަލާގައި ހުރި ކަންތައްތަކެއްކަން ފާހަގަކުރައްވައި ރައީސް ވަނީ، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކުން އެ ކަންކަމަށް ހައްލު ހޯއްދަވައިދެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނޭކަމުގެ ޔަގީންކަންދެއްވާފައެވެ.

ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން، ފީއަލީގައި ބަނދަރު އަޕްގްރޭޑްކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫއާއި، މިސްކިތް އިމާރާތްކުރުމުގެ މަޝްރޫއާއި ފުޓްސަލް ދަނޑެއް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުންތަކުގައި މިއަދު ވަނީ ސޮއިކުރައްވާފައެވެ. އަދި ފީއަލީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައި، އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީގޮތުން ވަނީ ފައްޓަވައިދެއްވާފައެވެ.