އައްޑޫގައި 30 އަހަރު ވަންދެން މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ މުދައްރިސަކު ކުއްލިގޮތަކަށް ނިޔާވެއްޖެއެވެ.
އައްޑޫހައިސްކޫލުގައި ބިޒްނަސް ސްޓަޑީޒް ކިޔަވައިދެއްވަމުން އަންނަ އަދި އެ ސްކޫލްގެ ފެކަލްޓީއޮފް ބިޒްނަސް އެންޑް ހިއުމެނިޓީގެ އެޗްއޯޑީ ، ޝާޖިމަން ސީބީ (ޝާޖީ ސަރ) ނިޔާވިކަން އެނގުނީ މިއަދު ހެނދުނު ސްކޫލަށްދާން ހޭނުލައިގެން ގޮސް ބެލުމުންނެވެ.
މައުލޫމާތު ލިބޭގޮތުގައި ޔޝާޖީ ނިޔާވީ ބްލަޑް ޝުގަރ މާ ބޮޑަށް ދަށް ވެގެންނެވެ. ޝާޖީ .އާއެކު އެ ގޭގައި އިތުރު ދެ މުދައްރިސަކުވެސް ދިރިއުޅެމުން އަންނައިރު އެމީހުންނާއި ޙަވާލާދީ މައުލޫމާތު ދިން ފަރާތަކުން ބުނީ ޝާޖީ އޭނަގެ ގައުމު، އިންޑިޔާގައި ހުރެފައި އެނބުރި އައްޑޫއަށް އައީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އައްޑޫއަށް އައީއްސުރެން ވެސް ވަރަށް ވަރުބަލިވާ ކަމަށާއި އަދި ބްލަޑް ޝުގަރ ލެވެލް ދަށްވާ ކަމަށް ވެސް ޝާޖީ ބުނެފައިވާ ކަމަށް އެފަރާތުން ކިޔައިދިނެވެ.
ޝާޖީ ރަށަށް ދިޔައީ ބައްޕަ ނިޔާވެގެންނެވެ. އަދި ރަށުގައި މަޑުނުކޮށް އަވަހަށް އައްޑޫއަށް އައީވެސް ދަރިވަރުންގެ އިމްތިހާނު ގާތްވެފައި އޮތުމުން ދަރިވަރުންނަށް އޭނަގެ ބޭނުން ޖެހޭނެކަން އެނގޭތީކަމަށް އިއްޔެ ވެސް އައްޑޫހައިސްކޫލުގެ މުދައްރިސުންތަކެއްގެ ގާތުގައި ޝާޖީ ވަނީ ކިޔައިދީފައެވެ.
1995 ވަނަ އަހަރު އޭރުގެ ސަދަން ސެކަންޑަރީ ސްކޫލްގެ ކޮމާރސް ޓީޗަރެއްގެ ގޮތުގައި އައްޑޫއަށް އައިސް މަސައްކަތްފެށި ޝާޖީ އަކީ ގިނަ ދަރިވަރުންތަކެއްގެ އެންމެ މަގުބޫލު މުދައްރިސެވެ. އެންމެންނާއި ވެސް ގުޅޭ އަބަދުވެސް ހިނިތުންވުމަކާ އެކު ހުންނަ ޝާޖީ އަކީ ކިޔަވައިދެއްވާ ދަރިވަރުންނަށް ރަނގަޅު ނަތީޖާ ހޯދައިދިނުމަށް ގަދައަޅައި މަސައްކަތް ކުރެއްވި ހީވާގި އަދި ކުޅަދާނަ މުދައްރިސެކެވެ.
.2011 ވަނަ އަހަރު އައްޑޫހައިސްކޫލްގައި އޭލެވެލް އަށް ކިޔަވައިދޭން ފެށުމާއެކު އެ ސްކޫލަށް ބަދަލުވެ ބިޒްނަސް ސްޓަޑީޒް މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން އަންނަ ޝާޖީ އަކީ އައްޑޫގެ ގިނަ ދަރިވަރުން ތަކަކަށް ކިޔަވައިދެއްވި ކުދިންގެ ގާތް މިތުރެކެވެ.
ޝާޖީ އަކީ މުޅި އައްޑޫ ފަޚުރުވެރިވާ މޮޅު ޓީޗަރެކެވެ. އިމްތިހާނުތަކުގައި އޭނަގެ ދަރިވަރުން ވަނީ ދުނިޔޭގެ ފެންވަރުގެ ނަތީޖާ ހޯދައި، ބޮޑެތި ކާމިޔާބީތަކާ ހަމައަށް ދަތުރު ކޮށްފައެވެ. އައްޑޫހައިސްކޫލުގެ މިހާރުގެ ޕްރިންސިޕަލް ނަދީމަކީ ވެސް ޝާޖިމަން ގެ ދަރިވަރެކެވެ. މީގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރު އަމީރާއި ހައި ކޯޓުގެ ފަނޑިޔާރު ހުސައިން މަޒީދަކީ ވެސް ސާޖިމަންތުގެ ދަރިވަރުންގެ ތެރޭގައި ހިމެނޭ ފާހަގަކޮށްލެވޭ ދަރިވަރުންނެވެ.
ޝާޖި ނިޔާވުމާއި ގުޅިގެން އޭނަ ކިޔަވައިދިން ދަރިވަރުންނާއި އަދި އެކުގައި މަސައްކަތް ކުރާ އަދި ކުރަމުން އަންނަ މުދައްރިސުން ވެސް ވަނީ ޝާޖީގެ ރަނގަޅު ވާހަކައާއި ތައުރީފުގެ ބަސްތަކާއެކު ހެޔޮދުއާ ތަކުން ސޯޝަލްމީޑީއާ ފުރާލާފައެވެ.
އޭނާގެ ހަށިގަނޑު ވީހާ އަވަހަކަށް ގައުމަށް ފޮނުވުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.