އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ‘ރައްކާ’ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މިދިޔަ އޮގަސްޓު މަހުގެ 23 އިން މި މަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނާއި އައްޑޫ ސިޓީ ޕޮލިސް ގުޅިގެންނެވެ. ރައްކާ ޕްރޮގްރާމަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން، އައްޑޫ ސިޓީގެ ހުރިހާ ރަށެއް ހިމެނޭގޮތަށް މައުލޫމާތު ދިނުމުގެ ތަފާތު ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން، ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދާ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް މަރަދޫ ސްކޫލު، އިރުޝާދިއްޔާ ސްކޫލު، ފޭދޫ ސްކޫލު، ސ. އަތޮޅު މަދަރުސާ، ނޫރާނީ ސްކޫލު، ހިތަދޫ ސްކޫލު އަދި ޝަރަފުއްދީން ސްކޫލުގައި ކުރިއަށް ގެންގޮސްފައިވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން، ސްކޫލު ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް 225 ދަރިވަރުން ތަމްރީނުކޮށްފައިވެއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައުލޫމާތާއި، އެއްގަމު ދަތުރުފަތުރު ގާނޫނަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދިނުމާއެކު މުއާމަލާތު ކުރުމުގެ ހުނަރުތައް ދަސްކޮށްދީ ސެލްފް ޑިފެންސް ކުލާސްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ސްކޫލުތަކުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުން ހިމެނޭގޮތަށް މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް އަހުލުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ. އެގޮތުން، މަގުމަތީގައި ހިނގާބިނގާވެ އުޅުމަގާއި ބައިސްކަލު ދުއްވާއިރު އަދި އެއްގަމު އުޅަނދުގައި ދަތުރުކުރާއިރު އެ ދަރިވަރުން ސަމާލުކަން ދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. މި ސެޝަންތަކުގެ ތެރެއިން 2251 ދަރިވަރުންނަށް މައުލޫމާތު ދީފައިވެއެވެ.
މީގެ އިތުރުން، ސްކޫލުތަކުގެ ބެލެނިވެރިންނާއި ކައުންސިލުތަކާއި ޓެކްސީ ޑްރައިވަރުންނަށް ވެސް މައުލޫމާތު ދީފައިވެއެވެ. އެގޮތުން އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދީ އަދި އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި އެކްސިޑެންޓުތައް މަދުކުރުމަށް ފަރުދީ ޒިންމާ އަދާކުރުމަށް މައުލޫމާތު ދީފައިވެއެވެ. މި ސެޝަންތަކުގެ ތެރެއިން 1267 މީހުންނަށް މައުލޫމާތު ދީފައިވެއެވެ. އަދި މަގުމަތީގައި ކުރިއަށް ގެންދިޔަ ފަހިރާސްތާ ޕްރޮގްރާމުގެ ތެރެއިން ވެސް ރައްޔިތުންނަށް މައުލޫމާތު ދީފައިވެއެވެ.
އައްޑޫ ސިޓީގައި ރައްކާ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ރަށްރަށުގެ ކައުންސިލުތަކާއި ސްކޫލުތަކާއި އެހެނިހެން އިދާރާތަކުގެ އިތުރުން ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުމާ އެކުގައެވެ.