English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހުމެޗުގައި ހިތަދޫ ނެކްސަސްއާ ދެކޮޅަށް ފޭދޫ މެޖެންޓާ ކުޅޭމެޗުގައި އެޓީމުގެ ކެޕްޓަން އަލީ ނާފިއު (ކަޅޭ) އަށް ނުކުޅެވޭނެއެވެ.

އެޓީމުގެ އެންމެ މުހިންމު ފޯވާޑު ކަޅޭއަށް އެމެޗުގައި ނުކުޅެވެނީ ދެ ކާޑު ހަމަވެގެންނެވެ. ކަޅޭ ބުނީ އެމެޗުގައި އޭނާއަށް ނުކުޅެވުނަސް އެހެން ކުޅުންތެރިންތިބީ މެޗަށް ތައްޔާރަށް ކަމަށެވެ. “އަހަންނަށް ނުކުޅެވުނަސް އެހެންކުޅުންތެރިން އެތިބީ މޮޅަށް ކުޅެ ނެކްސަސް އަތުން މޮޅެއް ހޯދަން ތައްޔާރަށް،” އޭނާ ބުންޏެވެ.

ކަޅޭ ބުނީ ނެކްސަސްއަކީ މި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ ތެރެއިން މަޝްހޫރު ކުޅުންތެރިން އެންމެގިނަ ޓީމު ކަމަށެވެ. މި މުބާރާތުގެ ފުރަތަމަ ބުރުގައި މި ދެޓީމް ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކުރީ ނެކްސަސްއެވެ. ނެކްސަސް މިހާތަނަށް ކުޅުނު ތިންމެޗުންވަނީ 4 ޕޮއިންޓް ހޯދައިފައެވެ. މެޖެންޓާއަށް މިހާތަނަށް ލިބިފައިވަނީ 6 ޕޮއިންޓެވެ.

މި މެޗަށް ނުކުންނައިރުވެސް މެޖެންޓާއަށްވަނީ ސެމީގެ ޖާގައެއް ކަށަވަރުވެފައެވެ. “އެހެންނަމަވެސް އަހަރެމެންނާ ކޮންމެ ޓީމަކާޖެހުނަސް ކުޅޭނީ މޮޅުވާން. އިދިކޮޅުން ކުޅޭ ޓީމްބަލިކޮށްގެން ތިން ޕޮއިންޓް ލިބޭނީ. ކޮންމެ ޓީމެއްގެ ކޮޅަށްވެސް ވީހާވެސްގިނަ ގޯލްޖަހައި މޮޅުވުންނޫން އެހެން ވިސްނުމެއް މެޖެންޓާ ނުގެންގުޅޭނެ،” ކަޅޭ ބުންޏެވެ.

މެޖެންޓާގެ ކޯޗު އަބްދުﷲ އުނައިސް ބުނީ މެޗަށް ނުކުންނައިރު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ ފޯވާޑު އަދި ކެޕްޓަން ކަޅޭއަށް ނުކުޅެވުން ކަމަށެވެ. އޭގެ އިތުރަށް އެޓީމުގެ ކީޕަރުވެސްހުރީ އިންޖަރީގައި ކަމަށް އޭނާ ބުންޏެވެ. “އެހެންނަމަވެސް ޓީމް މިހާރުވަނީ ވަރަށްބޮޑަށްގުޅި އެކަތިގަނޑަކަށްވެފައި. ކަޅޭއަށް ނުކުޅެވޭތަންވެސް އިރާދަ ކުރެއްވިއްޔާ ފޫބައްދާނަން،” އުނައިސް ބުންޏެވެ.