އަންހެނުންގެ ދުޅަހެޔޮކަމާ ގުޅުންހުރި ކަންކަމުގައި ދިރާސާ ކުރުމާއި، ލަސްނުކޮށް ފަރުވާދިނުމަށް އިސްކަންދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސިއްހީ ދާއިރާގެ ފަންނީ ބޭފުޅުންނަށް އިލްތިމާސްކުރައްވައިފިއެވެ.
އެކަމަނާ މިކަމަށް އިލްތިމާސްކުރައްވާފައިވަނީ، “އެމްބްރޭސިންގ ވެލްނަސް: އަ ހޯލިސްޓިކް އެންޑް އެވިޑެންސް ބޭސްޑް އެޕްރޯޗް ޓު އަންޑަރސްޓޭންޑިންގ އެންޑޯމެޓްރިއޯސިސް އިން ލައިޓް އޮފް ކަރަންޓް ރީސަރޗް” ގެ ނަމުގައި، ސޮސައިޓީ އޮފް އޮބްސްޓެޓްރީޝަންސް އެންޑް ގައިނަކޮލޮޖިސްޓްސް އޮފް މޯލްޑިވްސްގެ ފަރާތުން ބޭއްވި ސިލްސިލާ މަސައްކަތު ބައްދަލުވުމުގެ ތިންވަނަ އެޕިސޯޑު ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ފަރުވާދިނުމުގައި ހުރި ފުރުސަތުތަކާއި، ބަލި ދެނެގަތުމުގެ އުކުޅުތަކާއި، އެންމެ ފަހުގެ ދިރާސާތަކާމެދު ހޭލުންތެރިވުމަކީ ފަންނީ ބޭފުޅުންގެ މައްޗަށް އޮތް އިހުތިޔާރެއް ނޫންކަމަށާއި، އެއީ ކުރަންޖެހޭ ކަމެއްކަމަށް ސާޖިދާ ވިދާޅުވިއެވެ. އެންޑޯމެޓްރިއޯސިސް ބަލި ތަހައްމަލުކުރަމުންދާ އަންހެނުންގެ ވިލުންތެރިކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެފަދަ އަންހެނުން ފަންނީ އަދި ގެވެށި ޒިންމާތައް އަދާކުރަމުންދަނީ ހަމަހިމޭންކަމާއެކު އިންތިހާ ވޭން ތަހައްމަލުކުރަމުންކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އެންޑޯމެޓްރިއޯސިސްގެ ސަބަބުން ކުރިމަތިވާ ޖިސްމާނީ އަދި ނަފްސާނީ އުނދަގޫތަކަށް އަލިއަޅުއްވާލައްވަމުން އެކަމަނާ ވަނީ، އެ ބަލި ދެނެނުގަނެވުމާއި، މައްސަރުކަންތަކާ ގުޅިގެން އޮންނަ ތައައްސަބުތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. ދުރާލައި ބަލި ދެނެގަނެވުމާއި، އޯގާތެރިކަމާއެކު ފަރުވާދިނުމާއި، މުޖުތަމައު ހަރަކާތްތެރިކުރުވުމުގެ މުހިންމުކަންވެސް ސާޖިދާ ފާހާގަކުރެއްވިއެވެ.
ގުޅުންހުރި ސިޔާސަތުތަކަށް ގެނެވިފައިވާ އިސްލާހުތަކަށް މަރުހަބާ ވިދާޅުވަމުން އެކަމަނާ ވަނީ، އެންޑޯމެޓްރިއޯސިސް އާއި ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމަށް ދޭ ފަރުވާ އާސަންދައިގައި ހިމެނުއްވުމަކީ، ހަމަހަމަގޮތެއްގައި ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
މި މަސައްކަތު ބައްދަލުވުމުން ލިބުނު ފިލާވަޅުތަކުގެ އަލީގައި ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި، މައްސަރުކަންތަކާ ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވާފައެވެ. އަދި އެކަމަނާ ވަނީ، ގައުމީ ފެންވަރެއްގައި ކަމުގެ މާހިރުންގެ މެދުގައި ގުޅުން ޤާއިމުކުރެއްވުމަށް ކުރައްވާ މަސައްކަތަށާއި، ޝާމިލުގޮތެއްގައި ފަރުވާދިނުމަށާއި ޢިލްމު ހިއްސާކުރެއްވުމަށް އެސް.އޯ.ޖީ.އެމުން ކުރައްވާ މަސައްކަތަށް ތާރީފުކުރައްވާފައެވެ.
މިއަދު ނިމުނު މަސައްކަތުބައްދަލުވުން ވާން ޖެހޭނީ ހަމަ އެކަނި މަޝްވަރާކުރުމުގެ މަންސައަކަށް ނޫންކަމަށާއި، އެ ބައްދަލުވުން ވާންޖެހޭނީ ސިއްހީ ނިޒާމު އިސްލާޙުކުރުމަށް ލިބޭ ހިތްވަރަކަށް ކަމަށް ސާޖިދާ ވިދާޅުވިއެވެ. އެކަމަނާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، އެންޑޯމެޓްރިއޯސިސްއާ ގުޅޭގޮތުން ދައްކަން ޖެހޭ ވާހަކަތައް ދެއްކުމަށާއި، އަންހެނުންގެ ސިއްޙަތާއި ދުޅަހެޔޮކަމަށް އަޑުއުފުލުމުގައި ސާބިތުވެ ތިއްބެވުމަށް، ކަމާގުޅޭ ހުރިހާ ފަރާތްތަކަށް ގޮވާލައްވަމުންނެވެ.