English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގެ 10 ވަނަ މެޗުގައި މިއަދު ބައްދަލުކުރީ ހިތަދޫ މައިލޯ ސިޓީ އެފްސީއާއި، ފޭދޫ މެޖެންޓާއެވެ.

މި މެޗުގައި މެޖެންޓާއިން 3 ލަނޑުގެ ލީޑެއް ނަގައިފައިވަނިކޮށް އެޓީމުގެ ކުޅުންތެރިއަކަށް މައިލޯ ސިޓީގެ ކުޅުންތެރިއަކު ހަމަލާ ދިނުމުން ރެފްރީ އޭނާއަށް ރަތް ކާޑު ދެއްކުމުން އެކަމާ ހިތްހަމަ ނުޖެހިގެން މެޗު ފުރިހަމަނުކޮށް މައިލޯ ދަނޑުން ފައިބައިފިއެވެ. އެ ޓީމް ހިތްހަމަ ނުޖެހިގެން ދަނޑުން ފޭބިއިރު ފަހުހާފުން ކުޅެވިފައިވަނީ 15 ވަރަކަށް މިނިޓެވެ.

މިއަދުގެ ހާދިސާއާ ބެހޭގޮތުން ސުވާލުކުރުމުން މައިލޯ ސިޓީ އެފްސީގެ ކޯޗު މުހައްމަދު އަލްތާފުވަނީ ރެފްރީންދެކެ ހިތްހަމަ ނުޖެހުން ފާޅުކޮށްވާހަކަ ދައްކައިފައެވެ. “ދެން ތިޔަ ރެފްރީން ލައިގެން ތިޔަކަމެއްނުވާނެ. މެޗަށް އެރުމުގެ ކުރިންވެސް މެޗު ކޮމިޝަނަރުގެ ސަމާލުކަމަށް ގެނައި ރެފްރީންގެ ކަންތައްތަކަށް ސަމާލުވާން. ކުރީގެ މެޗުގައި އެރުވި ރެފްރީ މިމެޗަށްވެސްލީ،” ނުރުހުން ފާޅުކޮށް އަލްތާފް ބުންޏެވެ.

މިއަދުގެ މެޗުގައި މެޖެންޓާގެ ފުރަތަމަ ލަނޑު 32 ވަނަ މިނިޓުގައި ޖަހައިދީ އެޓީމަށް ލީޑު ނަގައިދިނީ އެޓީމުގެ ޖާޒީ ނަމްބަރު 22 އަބްދުﷲ ރިޒްމީނެވެ. މެޖެންޓާގެ ދެވަނަ ލަނޑު މެޗުގެ 36 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަމްނަރު 7 ހުސައިން ޝާމިންއެވެ. އެ ޓީމުގެ ތިންވަނަ ލަނޑު މެޗުގެ 54 ވަނަ މިނިޓުގައި ޖަހައި ލީޑުއިތުރަށް ފުޅާކޮށްދިނީ މެޖެންޓާގެ ޖާޒީ ނަމްބަރު 18 މުހައްމަދު ރިޒްމީހުއެވެ.

މިނަތީޖާއާއެކު މެޖެންޓާ ސެމީއަށް ދަތުރުކުރީއެވެ. މުބާރާތުގައި ފޭދޫއިން ވާދަކުރާ އަނެއްޓީމް ކަމަށްވާ ޔުނައިޓެޑް ފްރެންޑްސްވެސް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ. މުބާރާތުގެ މާދަމާގެ މެޗުގައި ބައްދަލުކުރާނީ ހިތަދޫ ނެކްސަސްއާއި މަރަދޫ އެފްސީއެވެ. މިއީ މޮޅުވާން މަރަދުއަށް މުހިންމު މެޗެކެވެ.