English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގައި ފޭދޫ މެޖެންޓާއާ ދެކޮޅަށް މިއަދު ނުކުންނާނީ ފައިނަލެއްގެ ގޮތުގައި ދެކިގެން ކަމަށް ހިތަދޫ މައިލޯ ސިޓީ އެފްސީގެ ކޯޗު މުހައްމަދު އަލްތާފް ބުނެފިއެވެ.

އަލްތާފު ބުނީ މިއަދުގެ މެޗު އެއްވަރުކޮށްގެންވެސް ސެމީގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންނަމަވެސް އެއްވަރު ކުރުމުގެ ބަދަލުގައި ކުޅޭނީ ހަމަ ފައިނަލެއް ކަމަށް ދެކިގެން މޮޅުވާން ކަމަށް އޭނާ ބުންޏެވެ.

“މިއަދުގެ މެޗުން އެއްވަރުވިޔަސް ސެމީއަށް ދިޔުމުގެ ފުރުސަތު އޮންނާނެ. އެކަމަކު ބަލިވެގެން ސެމީއަށް ނުދެވޭނެ. އެހެންވީމާ މެޗަށް ނުކުންނާނީ ފައިނަލެއް ކަމަށް ދެކިގެން. މިއީ ވަރަށް މުހިންމު މެޗެއް،” އަލްތާފް ބުންޏެވެ.

މިއަދުގެ މެޗަށް ނުކުންނައިރު ކޮންމެވެސް ވަރެއްގެ އަނިޔާގެ މައްސަލަތައްވެސް އެބަހުރި ކަމަށް އަލްތާފު ބުންޏެވެ. “މުހިންމު ދެކުޅުންތެރިއަކު ތިބީ އަނިޔާގައި. އޭގެ އިތުރަށް ކައިރިކައިރީގައި މެޗުތައް ކުޅެން ޖެމުން ވަރަށްބޮޑަށް ވަރުބަލިވެފައި ކުޅުންތެރިންތިބޭ. އެކަމަކުވެސް ދޫކުރާ ގޮތަކަށްނޫން މިތިބީ،” އަލްތާފް ބުންޏެވެ.

މި ދެޓީމް ފުރަތަމަ ބުރުގައި ކުޅުނު މެޗު ނިމުނީ 1-0 އިން މެޖެންޓާ މޮޅުވެގެންނެވެ. މިއަދުގެ މެޗަށް ނުކުންނައިރު މެޖެންޓާއަށްވެސް މި މެޗު މުހިންމެވެ. އެހެންވެ އެޓީމުންވެސް ނުކުންނަނީ މޮޅަކަށެވެ. އެޓީމުގެ ކެޕްޓަން އަލީ ނާފިއު ބުނެފައިވަނީ މި މެޗަށް ނުކުންނައިރު ކުރިއަށްވުރެ ޓީމް ވަރުގަދަވާނެ ކަމަށެވެ.