ހައްގަކާ ނުލައި މީހެއްގެ މުދަލާއި ލެއާއި އަބުރަށް އަރައިގަތުމަކީ ހަރާމް ކަމެއް ކަމަށާއި މިއީ މިއަދުގެ މުޖުތަމައުގައި އެންމެ އާންމުވަމުންދާ ފާފަ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނީ، ތެދު ދޮގު ބެލުމެއް ނެތި އެމީހަކަށް އަޑުއިވުނު ނުވަތަ ފެނުނު ކޮންމެ ވާހަކައެއް ފަތުރަނީ އެއިން ނިކުންނަނެ ނަތިޖާއަކަށް އެންމެ ފަހަރަކު ވެސް ވިސްނައިލުމެއް ނެތިކަމަށެވެ.
މިއަދުގެ މުޖުތަމައުއަކީ ވަރަށް ބޮޑަށް ސޯޝަލް މީޑިއާ އަށް ބަރޯސާވެފައިވާ މުޖުތަމައެއްކަން ފާހަގަ ކުރަމުން ހުތުބާގައި ބުނީ، ފޭސްބުކް، ޓިކްޓޮކް، ވައިބާ، ޓވިޓާ، ޔޫޓިއުބް ފަދަ މީސްމިޑިއާތަކަކީ ވައި ރޯޅިއެއްހެން ހަބަރުތައް ފެތުރައިދޭ މަންސަތަކެއް ކަމަށެވެ. ތެދެއް ވިޔަސް ދޮގެއް ވިޔަސް އެއްބަޔަކު އަނެއް ބަޔަކާ ހިއްސާކޮށް ޝެއާ ކުރުމާއި ހިތްވަރުދީ ލައިކުދީ ފަސޭހައިން ވާހަކަތައް ފެތުރޭކަން ހުތުބާގައިވަނީ ފާހަގަކޮށްފައެވެ.
މީސްމީޑިއާގެ ވަސީލަތްތަކަކީ އޭގައި ހއިްސާކުރާ ވާހަކަތައް އެތައް ޒަމާނަކަށް ދެމިހުންނަ، އެތައް ބަޔަކު އެހެން މީހުންނަށް ހިއްސާ ކުރާނެ އެއްޗެއްކަން ފާހަގަކޮށް ހުތުބާގައި ބުނީ އެގޮތަށް ފެތުރޭ އެއްޗަކީ މީހެއްގެ އަބުރު ކަތިލުމަށް ނުވަތަ ޣީބަ ބުނުން ކަމުގައިވާނަމަ، އެ އެއްޗެއް ފެތުރޭހާ ހިނދަކު އެކަމުގެ ފާފަ އެ މީހަކަށް ލިބިލިބި ހުންނާނެ ކަމަށެވެ. އެކަމުގެ ސަބަބުން ގިޔާމަތްދުވަހު އެމީހަކު ވާހުށީ ބަނގުރޫޓުވެފައިވާ މީހެއް ގޮތުގައި ކަމަށެވެ. އދި މި ކަމުގެ ސަބަބުން އެމީހެއްގެ ހެޔޮ އަމަލުތައް ހުސްވެ އަނެކާގެ ފާފަތައް ހިފައިގެން ނަރަކައަށް ދާން ޖެހިދާނެ ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.
މީހެއްގެ އަބުރު ކަތިލެވިފައިވާ ނަމަ އެމީހެއްގެ ކިބައިން މައާފަށް އެދި ހިތް ހަލާލު ހޯދުމަށް މިއަދުގެ ހުތުބާގައިވަނީ ނަސޭހަތްތެރިވެފައެވެ.