ޔޫކްރެއިންގެ އިރުމަތީ ސަރަހައްދުގެ ބިންތައް ރަޝިއާއިން ހިފާފައިވާ ކަމަށް ޔޫކްރެއިންގެ ޤާނޫނު ހަދާ މަޖިލީހުން ނިންމައިފިއެވެ.
ޔޫކްރެއިންގެ ރައީސް ޕެޓްރޯ ޕޮރްޝެންކޯ އެގައުމުގެ މަޖިލީހަށް ހުށައެޅި ‘ޑޮންބަސް ރީއިންޓަގްރޭޝަން ލޯ’ ނަމަކަށް ކިޔާ ބިލް ފާސް ކޮއްފައިވަނީ މަޖިލީހުގެ 450 ގޮނޑީގެ ތެރެއިން 280 ގޮނޑީގެ އައުލަބީއްޔަތަކުންނެވެ.
މި ބިލްގެ ދަށުން ޔޫކްރެއިންގައި ‘ޑޮންބަސް’ ގެ ނަމުން މަޝްހޫރު ވެފައިވާ މި ސަރަހައްދުގައި އުޅޭ ވަކިވެ ގަތުގަމަށް މަސައްކަތް ކުރާ ހަނގުރާމަވެރި ޖަމާއަތްތަކަށް ރަޝިއާއިން ވާގި ވެރި ދީފައިވާ ކަމަށް ވަނީ ބުނެފައިއެވެ. އެހެން ކަމުން ރަޝިއާއިން މި ބިންތަކުގެ ޒިންމާ ނަގަންޖެހޭ ކަމަށް ވަނީ ކަނޑައަޅާފައެެވެ.
ޔޫކްރެއިން އިން ފާސް ކުރި މި ޤާނޫނުން މިވަނީ ރަޝިއާ އަކީ އަނިޔާވެރިވާ ފަރާތް ކަމުގައި ކަނޑައަޅާފައެވެ. އަދި މި ޤާނޫނުގެ ދަށުން ޔޫކްރެއިން ރައްޔިތުންގެ ގޯތި ގެދޮރަށް ލިބޭ ގެއްލުމަކަށް ރަޝިއާއި ދެކޮޅަށް ޤާނޫނީ ފިޔަވަޅު އެޅޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.
ރަޝީއާއިން ވަނީ ޔޫކްރެއިންގެ މި ފިޔަވަޅު ކުއްވެރި ކޮއްފައެވެ. ރަޝިއާގެ ޙާރިޖީ ވުޒާރާއިން ބުނެފައިވާ ގޮތުގައި މި ޤާނޫނުގެ ދަށުން ޔޫކްރެއިންގައި ހަމަ ނުޖެހުން ތަކެއް އުފެއްދި ބައިނަލްއަގުވާމީ ސަލާމަތާ ރައްކާތެރި ކަމަށް އަސަރު ކުރާނެ ކަމުގައެވެ.
ޔޫކްރެއިން ގައި ހަމަނުޖެހުންތައް ފެށިގެން އައިސްފައިވާނީ 2014 ވަނަ އަހަރުއެވެ. އޭރު ރަޝިއާއަށް ތާއީދު ކުރާ ބަޔަކު ވަނީ އިރުމަތީ އޮންނަ ޑޮންބަސް ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. މި ހަމަނުޖެހުން ތަކުގައި ދިހަހާސް މީހުން މަރުވެފައިވެއެވެ. މީގެ ތެރޭގައި ދެހާސް އާންމު ރައްޔިތުން ހިމެނެއެވެ.
މި ސަރަހައްދުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއްގެ ލީޑަރު ބުނެފައިވަނީ ޔޫކްރެއިން އިން މިފަދަ ޤާނޫނެއް ފާސް ކުރުމުން މިއީ ހަމަނުޖެހުން ބޮޑުވެގެންދާނެ ކަމެކެވެ.