ރެއަކީ މިވެރިކަމުގެ ‘ތާރީހީ” ރެއެކެވެ. 10 އަހަރުގެ ބުރަ މަސައްކަތަށްފަހު ދިވެހިރާއްޖޭގެ މިނިވަންކަމުގެ ރަމްޒެއް ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އައު ޓަރމިނަލް ހުޅުވައިގެން ދިޔަ ތާރީހީ ރެއެވެ. މި ސަރުކާރުގެ ބުރަ މަސައްކަތާއެކު ރޭ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގައި ބޭއްވި ރަސްމިއްޔާތުގައި، ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމުގެ ހަރަކާތްތައްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެމްއޭސީއެލް އިން އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތަށް ވަރަށް ބޮޑަށް ތައްޔާރުވެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު ބޮޑު ސްކްރީނުން ބެލުމަށްޓަކައި މާލެ، ހުޅުމާލެ އާއި ވިލިމާލެ އަދި އައްޑޫގައި އިންތިޒާމުތައް ހަމަޖައްސާފައިވެއެވެ. ‘ތަރައްގީގެ ބޮޑު ބިޔަ މަޝްރޫއު’ ނިމި އެތަން ހުޅުވުމުގެ ރަސްމިއްޔާތު ބެލުމަށް އައްޑޫ ސިޓީ ފޭދޫގައި ބޮޑު ސްކީރަނާއެކު، ފެންވަރު ރަނގަޅު ސްޓޭޖެއްވެސް ތައްޔާރުކޮށްފައިވެއެވެ. މިއީ އައްޑޫ ރައްޔިތުންނަށް ހައްގު މިންވަރުކަމުގައި ވެދާނެއެވެ. އައްޑޫގެ ތަރައްގީއާއި ގުޅިފައިވާ އެންމެ ބޮޑު ބިޔަ މަޝްރޫއުކަމަށްވާ އައްޑޫ ބްރިޖުގެ އެއްވެސް ‘ހިލަމެއް’ ނެތް އިރު އައްޑޫ ރައްޔިތުންނަށް އޮތީ ބޮޑު ސްކްރީނުން ތަރައްގީގެ މަޝްރޫއުތައް ބެލުމުގެ ނަސީބުކަމުގައި ވެދާނެއެވެ.
މި ސަރުކާރުން ވެރިކަމާއި ހަވާލުވި ފަހުން އަދި އައްޑޫ ސިޓީގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ފެށިފައި ނެތޭ ބުންޏަކަސް ދޮގަކަށް ނުވާނެއެވެ. އައްޑޫ ބްރިޖުގެ ވާހަކަ ބާއްވަމާ ހިނގާށެވެ. ޝަންގްރިއްލާ ރިސޯޓާއި ހަންކެޑެގެ ވާހަކަވެސް އިހަށް ބާއްވާށެވެ. ދޯހަޅި ދަތުރުފަތުރުގެ ނިޒާމުގެ ވާހަކަ ދައްކާ ކޮޅުން ނުލާނެތީ އެ ވާހަކަވެސް ބާއްވާށެވެ، އައްޑޫ ސިޓީގެ ރައްޔިތުން ކޮންމެ ދުވަހަކު އެތައް ބޭނުންތަކަށް ދަތުރުކުރާ އައްޑޫ ލިންކު ރޯޑުގެ މައްސަލައަށް އެކަނި ބަލާލަމާ ހިނގާށެވެ.
އައްޑޫ ގެ ހުޅަނގު އަވަށްތައް ގުޅުވައިދޭ 19 ކިލޯމީޓަރުގެ ލިންކް ރޯޑުގައި ދުއްވުމަކީ ގަދަ ކަނޑެއްގައި ދަތުރުކުރުން ފަދަކަމެކެވެ. ކޮންމެ އަހަރަކު ދައުލަތަށް ފައިސާ ދައްކާ މީހުންގެ އަގުބޮޑު އުޅަނދުތައް ހަލާކުވުމުގެ އިތުރުން، މި މަގުގައި ހިނގާ އެކްސިޑެންޓުތަކުގައި އަނިޔާވާ މީހުންގެ އަދަދުވެސް ގިނައެވެ. ކޮންމެ ފަހަރަކު މަގު ހަލާކުވެ ނުދުއްވޭ ހިސާބަށް ދިއުމުން ތާރުއަޅާ އެތަން ތަން ފޮރުވާލުމަކީ އައްޑޫ ސިޓީގެ ‘ތަރައްގީގެ’ އެންމެ ބޮޑު މަޝްރޫއެވެ. މީގެ ކުރިން ކޮންސްޓްރަކްޝަން މިނިސްޓްރީން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ލިންކް ރޯޑް މަރާމާތު ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލުކުރުމަށް ނިންމާފައި ވާކަމަށެވެ. އަދި މިއީ މި އަހަރުގެ ބަޖެޓްގައި ހިމެނިފައި ނެތް ކަމެއްކަމުގައި ވިޔަސް މި އަހަރުގެ ތެރޭގައި އެ މަސައްކަތްތައް ކުރެވޭތޯ ސަރުކާރުން ބަލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްޑޫގެ ރައްޔިތުންނާއި ގުޅިފައިވާ މުހިއްމު ކަންތައްތައް ކުރުމަށް އިހުމާލުވާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އައްޑޫ ސިޓީގެ ތަރައްގީ އަށް އެއްވެސް ކަމެއް ކުރެވިފައި ނުވާއިރު ބޮޑު ސްކްރީނުގައި ޓާމިނަލް ހުޅުވާ މަންޒަރު ބަލަން ތިބުމަކީ އަމިއްލަ ޒަމީރު ގަބޫލުކުރާ ކަމެއްތޯއެވެ. އެ ޓާމިނަލް ހުޅުވާ މަންޒަރު ބަލައިގެން އަތްޖަހަން ތިބުމަކީ އައްޑޫ ރައްޔިތުން ހަގީގަތުގައިވެސް ބޭނުންވާ ގޮތްތޯއެވެ.