އައްޑޫ ސިޓީގައި ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު މިއަދު އިންތިހާއަށް ބޮޑުކޮށްފިއެވެ. ތެލުގެ އަގަށް އައި މި ބޮޑު ބަދަލާއެކު އައްޑޫގެ އާންމު ރައްޔިތުންނާއި ވިޔަފާރިވެރިންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.
އައްޑޫގައި ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަމުންދަނީ 24.22 ރުފިޔާއަށެވެ. މިއީ ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކި 18.56 ރުފިޔާއާ އަޅާބަލާއިރު ގާތްގަނޑަކަށް 6 ރުފިޔާގެ ބޮޑުވުމެކެވެ. ޑީސަލްގެ އަގަށް އައި ބަދަލު މިއަށްވުރެ ވެސް ބޮޑެވެ. ކުރިން 19.77 ރުފިޔާއަށް ލިބުނު ޑީސަލް ލީޓަރެއްގެ އަގު މިހާރު ވަނީ 31.34 ރުފިޔާއަށް އުފުލިފައެވެ.
އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގަށް ގެނައި ބަދަލަށް ބަލާއިރު، މިދިޔަ މަހުގެ 5 އިން ފެށިގެން އެ ކުންފުނިން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 16.01 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކަނީ 17.54 ރުފިޔާއަށެވެ. އާންމުކޮށް ތެޔޮ ވިއްކާ ފަރާތްތަކުން އެސްޓީއޯގެ ތެޔޮ ކުންފުނި (އެފްއެސްއެމް) އިން ތެޔޮ ގަނެގެން ފައިދާލައިގެން ވިއްކާއިރު، އައްޑޫގެ އަގުތައް މިހާ މަތީގައި ހުރުމުން ދަތުރުފަތުރާއި އެހެނިހެން ޚިދުމަތްތަކުގެ އަގު އުފުލިދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ.
ތެލުގެ އަގު ބޮޑުވާން މެދުވެރިވި ސަބަބެއްގެ ގޮތުގައި އެސްޓީއޯއިން ފާހަގަކޮށްފައިވަނީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަމުންދާ ލޮޅުންތަކެވެ. ނަމަވެސް އެ ކުންފުނިން ވަނީ ރާއްޖެއަށް ތެޔޮ ގެނައުމުގައި އެއްވެސް ދައްޗެއް ނެތްކަމުގެ ޔަގީންކަން ދީފައެވެ.