English Edition
Dhivehi Edition

މަގުތައް ބެލެހެއްޓުމުގެ ޒިންމާ އަދާކުރުމުގައި މާލެ ސިޓީ ކައުންސިލާ، އައްޑޫ ސިޓީ ކައުންސިލް ފެއިލްވެފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މިނިސްޓަރު މިފަދައިން ވިދާޅުވީ އައްޑޫ ލިންކް ރޯޑުގެ މަސައްކަތާ ގުޅޭގޮތުން މަރަދޫ ދާއިރާގެ މެންބަރު އަހްމަދު ދީދީ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވީ އައްޑޫ ލިންކް ރޯޑްގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާ މިހާރު ހަވާލުކޮށްފައިވާ ކަމަށާއި، އެ ކުންފުނިން ވަރަށް އަވަހަށް އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ.

މީގެ އިތުރުން މުއްތަލިބު ވިދާޅުވީ ރަށްރަށާއި ސިޓީތަކުގެ މަގުތަކުގެ އާބާތުރަ ފިލުވައި ބެލެހެއްޓުމަކީ ސަރުކާރުގެ ވުޒާރާތަކުގެ ޒިންމާއެއް ނޫން ކަމަށެވެ. އަދި އެއީ ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ކައުންސިލްތަކުގެ ސީދާ ޒިންމާއެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. “އައްޑޫ ސިޓީ ކައުންސިލަށް އެތައް ސަތޭކަ މިލިޔަން ރުފިޔާއެއް ދައުލަތުން ދޭ އިރުގައި މަގުގައި ހުންނަ ޕޮޓްހޯލްތައް ހެދޭވަރުގެ މެކޭނިޒަމެއް ނެތް ކަމަށް ވެއްޖެއްޔާ އަޅުގަނޑަށް ހީވަނީ ކައުންސިލް އެއޮތީ ފެއިލްވެފައިހެން،” މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން، މާލޭގެ މަގުތަކުގެ މައްސަލަތަކަށް އަލިއަޅުއްވާލައްވައި މިނިސްޓަރު ވަނީ މާލޭ ސިޓީ ކައުންސިލަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މާލޭގެ މަގުތަކުގައި ފެންބޮޑުވުމާއި މަގުތައް ހަލާކުވުމުން އެކަންކަން ހައްލުކޮށްދޭން ޖެހެނީ ވެސް މަރުކަޒީ ސަރުކާރުންކަން ފާހަގަކުރައްވައި، ކައުންސިލަށް ދޫކުރާ ބަޖެޓުގެ ބޭނުމަކީ ކޮބައިތޯ އޭނާ ސުވާލު އުފެއްދެވިއެވެ.