English Edition
Dhivehi Edition
އަބްދުއްރަހުމާންގެ މަރާ ގުޅޭ ގޮތުން މާޅޮހުގެ މީހަކާ ފުލުހުން މިދިޔަ އަންގާރަ ދުވަހު ސުވާލު ކުރަނީ.---ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރައިލި އަބްދުއްރަހުމާން އާދަމްގެ އަންހެނުން ނާޒިމާ އިބްރާހިމްގެ ފޯނު، ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިފަހައްޓައިފިއެވެ.

އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އޭނަގެ ގޭގައި ބޮޑެތި ޒަހަމްތަކާއެކުގައި އޮއްވައި އެންމެ ފުރަތަމަ ފެނުނީ އޭނާގެ އަންހެނުން ނާޒިމާ އިބްރާހިމަށެވެ. އަބްދުއްރަހުމާން މަރުވީ މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެނިކޮށް ހޮނިހިރު ދުވަހުގެ ރޭގެ ފަތިހު އެވެ.

އެ ރޭގެ ދަންވަރު ތިނެއް ޖެހިއިރުން ފެށިން ފުލުހުންގެ ޓީމުތައް ވަނީ މާޅޮހަށް އަރައި، އަބްދުއްރަހުމާން ދިރިއުޅުނު ގެ އާއި އެ ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ގާތިލު ހޯދުމުގެ މަސައްކަތް ފަށައިފަ އެވެ. އެކަމަކު، މިހާތަނަށް އެއްވެސް ހެއްކެއް ލިބުނު ކަމަކަށް ފުލުހުން ނުބުނެ އެވެ. އަދި އެންމެ ފަހުން މިހާރު ވަނީ ފުލުހުންގެ އިތުރު ޓީމުތައް ވެސް މާޅޮހަށް ގޮސްފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގުގައި އެކި “އޭންގަލްތަކަށް ފޯކަސް ކޮށްގެން” ވަކިވަކި މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން، މަރުހޫމުގެ އާއިލާއާ ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަ ދައްކައި ސުވާލުކޮށް، އެ ފަރާތްތަކުގެ އެއްބާރުލުމާ އެކު، މި ހާދިސާގެ ވަށައިގެންވާ ހަގީގަތްތައް ހޯދައި ދެނެގަތުމަށްޓަކައި މަސައްކަތަކެއް ދަނީ ކުރަމުން ކަމަށެވެ.

އަބްދުއްރަހުމާނުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ވަނީ މާލެ ގެނެސްފައެވެ. އަދި ބޭރަށް ފޮނުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި ހާދިސާއާ ގުޅިގެން އެރަށަށް އަރާ ފައިބާ މީހުން ދަނީ މޮނީޓާ ކުރަމުންނެވެ.