English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގެ މިއަދުގެ މެޗު ފޯރިގަދަ ކުޅުމަކަށްފަހު މައިލޯ ސިޓީ އެފްސީ ކާމިޔާބުކޮށްފައެވެ.

ނެކްސަސްއާ ބައްދަލުކޮށް އެ ޓީމް މިއަދުގެ މެޗު ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. މި މެޗުގެ ހަމައެކަނި ލަނޑު 66 ވަނަ މިނިޓުގައި ޖަހައިދީފައިވަނީ މައިލޯ ސިޓީ އެފްސީގެ ޖާޒީ ނަމްބަރު 11 މިރާހު މުހައްމަދެވެ. މި މެޗުގެ މޮޅުކުޅުންތެރިއާގެ މަގާމްވެސް ހޯދީ އޭނާއެވެ.

މިއަދުގެ މެޗުފަށައިގެން ދެޓީމުންވެސް ދިޔައީ ރަނގަޅު ކުޅުމެއް ކުޅެމުންނެވެ. އެހެންނަމަވެސް މެޗުގެ ފަހުހާފުގައި މައިލޯ ސިޓީ އެފްސީވަނީ އިތުރު ހިތްވަރަކާއެކު ކުޅެ މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ދެޓީމަށްވެސް ލަނޑުޖަހާނެ އިތުރު ފުރުސަތު ލިބިވަނީ ބޭކާރުވެފައެވެ.

މި މެޗުން އެޓީމް މޮޅުވުމުން ނެކްސަސްއާއި ޕޮއިންޓުގެ ގޮތުން އެޓީމްވަނީ އެއްވަރުވެފައެވެ. އެއިންކޮންމެ ޓީމަކަށް މިހާރުވަނީ 4 ޕޮއިންޓް ލިބިފައެވެ. އެހެންވީމާ އަމިއްލަ ބާރުގައި ސެމީއިން ޖާގަ ހޯދުމުގެ ފުރުސަތު ދެޓީމަށްވެސް އެބައޮތެވެ.

މުބާރާތުގައި މާދަމާގެ މެޗުގައި ބައްދަލުކުރާނީ މަރަދޫއެފްސީއާއި މަރަދޫފޭދޫ އެފްސީއެވެ. މިދެޓީމް ފުރަތަމަބުރުގައި ބައްދަލުކުރި މެޗު ނިމުނީ 2-2 ލަނޑުން އެއްވަރު ވެގެންނެވެ.

މިއަދުގެ މެޗު ފެށުމުގެ ކުރިން ދެޓީމުންވަނީ ހަމަހިމޭން ކަމުގެ ސުކޫތެއް ގެނެސްފައެވެ. އެއީ މުބާރާތް އިންތިޒާމް ކޮމިޓީގެ އިސްމެންބަރެއް ކަމަށްވާ އަހުމަދު އަހުޔަދުގެ ބައްޕަ ނިޔާވުމުގެ ހިތާމައިގައި ހަމަހިމެން ކަމުގެ ސކޫތެއް ގެނެސްފައެވެ.

މުބާރާތުގެ ޗެމްޕިއަންޓީމަށް ވަނީ 75000 ރުފިޔާގެ އިނާމެއް ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ތިރީސް ހާސް ރުފިޔާވަނީ ހުށަހަޅައިފައެވެ. މިއީ އައްޑޫގައި މިފަދަ މުބާރާތެއް ނުބާއްވާތާ 25 އަހަރު ފަހުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. ހެޕީމާކެޓަކީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތްތަކަށް ވަރަށް ފުރިހަމަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ވިޔަފާރި ކުންފުންޏެވެ. އޮފިޝަލް މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.