English Edition
Dhivehi Edition
"އޯލް ދަ ޝާކްސް"ގެ ސްކްރީންޝޮޓެއް

ނެޓްފްލިކްސްއިން ދައްކަން ފެށި ސީރީޒް “އޯލް ދަ ޝާކްސް”ގައި ފުވައްމުލަކުގެ މަންޒަރުތަކެއް ދައްކާލައިފިއެވެ.

“އައި އޮފް ދަ ޓައިގާ ޝާކް”ގެ ނަމުގައި ނެރުނު މި ސީރީޒްގެ ފުރަތަމަ އެޕިސޯޑުގައި ފުވައްމުލައް ސިޓީގެ ވަށައިގެންވާ ކަނޑު އަޑީގެ ސަރަހައްދާ އެ ރަށުގެ މަލަމައްޗާއި އެހެނިހެން ތަންތަން ވަނީ ދައްކާލާފައެވެ. ޝޯގައި ފުވައްމަލަކަށް “ޝާކް އައިލެންޑް”ގެ ގޮތުގައި ނިސްބަތްކޮށްފައިވާއިރު ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގް ކުރެއްވި ޕޯސްޓުގައި ވަނީ، މިއީ ޑައިވަރުންނާ، ފަތުރުވެރިންނާ އަދި ގުދުރަތީ މާހައުލުދެކެ ލޯބިވާ އެންމެންގެ ސަމާލުކަން ހޯދަން އެރަށަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށެވެ.

މީގެ އިތުރުން މޭޔަރު ވަނީ ފުވައްމުލައް ސިޓީގެ ޑައިވް ސެންޓަރުތަކާ، ގެސްޓް ހައުސްތަކާ އަދި އެ ސިޓީ ޕްރޮމޯޓްކުރަން މަސައްކަތް ކުރާ ސްޓޭކްހޯލްޑަރުންނަށް ޝުކުރުއަދާކޮށްފައެވެ. އަދި މި ފަރާތްތަކުން ދިން އެއްބާރުލުމުގެ ސަބަބުން ފުވައްމުލައް ދުނިޔޭގެ ފެންވަރުގެ ޑައިވިން ޑެސްޓިނޭޝަނެއްގެ ގޮތުގައި ފާހަގަކުރެވިގެން ހިނގައްޖެކަމަށް މޭޔަރު ވިދާޅުވިއެވެ.

އޯލް ދަ ޝާކްސް ސީރީޒްއަކީ މެރިން ސައިންޓިސްޓުންގެ ހަތަރު ޓީމަކުން އެންމެ ގިނަ ވައްތަރުގެ އަދި އެންމެ ތަފާތު ވައްތަރުގެ މިޔަރު ފޮޓޯނަގަން ކުރާ މަސައްކަތުގެ މައްޗަށް އަލިއަޅުވައިލާ ތައްޔާރުކޮށްފައިވާ ސީރީޒްއެކެވެ.