ސިންގަޕޫރަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ޑރ. މުޙައްމަދު މުއިއްޒު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ސިންގަޕޫރުގައި ހުންނަ ރިޓްސް ކަރލްޓަންގެ ގާޑަން ޕެވީލިއަންގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ސިންގަޕޫރަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހީންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވައި، އެ ފަރާތްތަކުގެ ހާލުއަހުވާލު ބައްލަވައިލައްވައި، އެފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއައްސަވާފައެވެ.
ދިވެހި އާޢިލާތަކާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭރު ޤައުމުތަކުގައި ދިިރިއުޅޭ ދިވެހިންނާ ބައްދަލުކޮށް ހާލުއަހުވާލު އޮޅުންފިލުވުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ.
ރައީސް ސިންގަޕޫރަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ތަރުމަން ޝަންމުގަރަތުނަމްގެ ދައުވަތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަރިހުގައި މަތީފަންތީގެ ސަރުކާރުގެ ވަފުދެއް ބައިވެރިވެރިވަޑަގެންނެވިއެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގެ ކުރިއަށް ދާނީ ބުދަ ދުވަހުގެ ނިޔަލަށެވެ.