English Edition
Dhivehi Edition
އާރްޓީއެލް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ގެ ހިންގަމުންދާ އެއްވެސް ރޫޓެއް ހުއްޓާލާފައި ނުވާނެ ކަމަށާއި، އަދި އެއްވެސް އަތޮޅެއްގެ ހިދުމަތަކަށް ބަދަލެއް ނާންނާނެ ކަމަށް މިނިސްޓަރު އަމީން ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދޭ “އަހާށޭ ބުނާނަން” ޕްރޮގްރާމުގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން، ރައްޔިތުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރު އައި އިރު އާރް.ޓީ.އެލް.ގެ ރޯލްއައުޓް ޕްލޭން އޮތީ 2027 ގައި ނިމޭގޮތަށް ރިވައިޒް ކުރައްވާފައި ކަމަށެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2025 ގައި މި މަސައްކަތް ނިންމުމަށް އަވަސް ކުރުމަށް ނިންމަވާފައި ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރައީސްގެ މި ނިންމެވުމުގެ ދަށުން، މިދިޔަ އަހުރުގެ ތެރޭގައި ނ. އަތޮޅުގައި ވަނީ އާރް.ޓީ.އެލް. ހިދުމަތް ފަށާފައެވެ. އަދި ރައީސް އިއުލާން ކުރައްވާފައިވާ ގޮތަށް، މި ޖޫން މަސް ނިމުމުގެ ކުރިން ރ. އަތޮޅުގައި މި ހިދުމަތް ފެށޭނެ ކަމަށާއި، ޖުލައި މަސް ނިމުމުގެ ކުރިން ބ. އަތޮޅުގައި ވެސް މި ހިދުމަތް ފެށޭނެ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

މީގެ އިތުރުން، އެހެން އަތޮޅުތަކުގައި ވެސް މި ހިދުމަތް ފެށުމަށް ބޭނުންވާ ލޯންޗްތައް ބަނުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ހިދުމަތް ދެމުންދާ އެއްވެސް އަތޮޅެއްގައި ބެކަޕްގެ ގޮތުގައި އެއްވެސް އުޅަނދެއް ގާއިމުކުރެވިފައި ނެތް ކަމަށް ރައީސް ވިދާޅުވިއެވެ، އެގޮތުން، ލޯންޗްތަކުގެ މެއިންޓެނަންސަށް ވެސް ޚިދުމަތުން ބައެއް ދުވަސްދުވަހު ނަގަން ޖެހޭ ކަމަށާއި، އެހެންކަމުން ބެކަޕް އުޅަނދުތައް ހުރުމުގެ މުހިންމުކަން އެބަ އޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވަނީ ރ. އަދި ބ. އަތޮޅުގައި އާރް.ޓީ.އެލް. ހިދުމަތް ފެށުމުގެ ސަބަބުން، މިހާރު އޮޕަރޭޓް ކުރަމުންދާ އެއްވެސް އަތޮޅެއްގެ ރޫޓަކަށް ނުވަތަ ހިދުމަތަކަށް ބަދަލެއް ނާންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވާފައެވެ. މިކަމުން ދައްކުވައިދެނީ، އާރް.ޓީ.އެލް ގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމަށް ސަރުކާރުން ދެއްވާ އިސްކަންކަމާއި، ޚިދުމަތް ދެމެހެއްޓުމަށް އަހަންމިއްޔަތުކަން ދެއްވާ މިންވަރެވެ.