English Edition
Dhivehi Edition
އާރުޓީއެލްގެ ފެރީއެއް : ފޮޓޯ: އަދަދު

ރާއްޖެ ޓްރާންސްޕޯޓް ލިންކް(އާރްޓީއެލް) އިން ދެކުނުގެ އަތޮޅު ތަކަށް ދެމުން އައި ފެރީގެ ޚިދުމަތުން އަގު ނަގާގޮތަށް ހަމަޖައްސައިފިއެވެ. ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު “އިންޓަގްރޭޓެޑް ނެޝެނަލް ޕަބްލިކް ފެރީ ނެޓްވޯކް” ގެ ދަށުން ފެށި އާރްޓީއެލް ދެކުނުގެ ދަތުރުތަކަށް އަގު ނަގާނީ އޮކްޓޯބަރ 8 އިން ފެށިގެން ކަމަށް ޕްލޭނިންގ މިނިސްޓްރީން ހާމަ ކުރެއެވެ.

އާރުޓީއެލްގެ ޚިދުމަތް މިދިޔަ އޮގަސްޓް މަހުގެތެރޭ އަލަށް ފެށީ ފުވައްމުލަށް އަދި އައްޑޫ ސިޓީގަ އެވެ. އެއާއެކު، އެ މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގެ ދަށުން އެ ދެ އަތޮޅާއި ގއ. އަދި ގދ. އަތޮޅު ވަނީ ގުޅާލާފަ އެވެ. މިއަތޮޅުތަކާއެކު މިވަގުތު އާރްޓީއެލްގެ ހިދުމަތް ދެނީ ހއ، ހދ، ށ، ޅ، ގއ، ގދ ގެ އިތުރުން އައްޑޫ އާއި ފުވައްމުލަކަށެވެ. ދެން އެންމެ އަވަހަށް މި ހިދުމަތް ފަށަން ރާވާފައިވަނީ ނ. އަތޮޅުގަ އެވެ.

އަލަށް ފެށި ދެ އަތޮޅަށާއި އަދި އެ އަތޮޅުތަކުން ގއ. އަދި ގދ. އާ ގުޅޭ ރޫޓުތަކުން މިހާތަނަށް އަންނަނީ ހިލޭ ދަތުރު ފޯރުކޮށްދެމުންނެވެ. އާރުޓީއެލްގެ ޚިދުމަތް އަލަށް ފަށާ ކޮންމެ އަތޮޅެއްގައިވެސް ފުރަތަމަ ފަހަރަށް ދަތުރުތައް ހިލޭ ކުރާއިރު، އެ ޚިދުމަތް ހިންގާ އެމްޓީސީސީ އިން ބުނީ މިއީ އާރުޓީއެލްގެ ޚިދުމަތްތަކަށް އާންމުން އަހުލުވެރިކުރުވުމަށް ދޭ މުއްދަތެއް ކަމަށެވެ.

ދެކުނުގެ އަތޮޅުތަކަށް އަގު ނަގަން ކަނޑައަޅާފައިވާ މިންގަނޑުތައް:

  • ގދ. ވާދޫން، ޏ. ފުވައްމުލަކަށް އެއްކޮޅު ޓިކެޓް 250 ރުފިޔާއަށް ،ދެކޮޅު 450
  • ޏ. ފުވައްމުލަކުން، ގދ. ވާދޫއަށް އެއްކޮޅު ޓިކެޓް 250 ރުފިޔާއަށް، ދެކޮޅު 450
  • ސ. ހުޅުމީދޫން، ގދ. ވާދޫއަށް އެއްކޮޅު ޓިކެޓް 490 ރުފިޔާއަށް، ދެކޮޅު 880
  • ގދ. ވާދޫން، ސ. ހުޅުމީދޫއަށް އެއްކޮޅު ޓިކެޓް 490 ރުފިޔާއަށް، ދެކޮޅު 880
  • ޏ. ފުވައްމުލަކުން، ސ. ހުޅުމީދޫއަށް އެއްކޮޅު ޓިކެޓް 250 ރުފިޔާއަށް، ދެކޮޅު 450
  • ސ. ހުޅުމީދޫން، ޏ. ފުވައްމުލަކަށް އެއްކޮޅު ޓިކެޓް 250 ރުފިޔާއަށް، ދެކޮޅު 450
  • ޏ. ފުވައްމުލަކުން، ސ. ފޭދޫއަށް އެއްކޮޅު ޓިކެޓް 250 ރުފިޔާއަށް، ދެކޮޅު 450
  • ސ. ފޭދޫން، ޏ. ފުވައްމުލަކަށް އެއްކޮޅު ޓިކެޓް 250 ރުފިޔާއަށް، ދެކޮޅު 450
  • ސ. ހުޅުމީދޫން، ސ. ފޭދޫއަށް އެއްކޮޅު ޓިކެޓް 55 ރުފިޔާއަށް، ދެކޮޅު 100
  • ސ. ފޭދޫން، ސ. ހުޅުމީދޫއަށް އެއްކޮޅު ޓިކެޓް 55 ރުފިޔާއަށް، ދެކޮޅު 100

އާރްޓީއެލް ފެރީތަކަކީ 50 ފަސެންޖަރުންނަށް ދަތުރު ކުރެވޭގޮތަށް ފަރުމާ ކޮށްފައިވާ ހިތްފަސޭހަ އެއާކޮންޑިޝަން އުޅަނދުތަކެކެވެ. އެ އުޅަނދުތަކުގައި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޚާއްސަ ކޮށްފައިވާ ފުރޮޅުލީ ގޮނޑިއަށް ވަކީން ޖާގަ ކަނޑައެޅިފައި ހުރެއެވެ. ސަރުކާރުން މި މަޝްރޫއު ހިންގުމަށާއި އަދި ޚިދުމަތް ދިނުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.