English Edition
Dhivehi Edition
އާރްޓީއެލް ގެ މުވައްޒަފުންނަށް މައުލޫމާތު ދިނުމުގެ ތެރެއިން/ފޮޓޯ: ޕޮލިސް

އެމްޓީސީސީ، އާރުޓީއެލް ބަސް ޑްރައިވަރުންނާއި ޑްރައިވަރުންގެ އެހީތެރިންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މިއަދުން ފެށިގެން ނޮވެމްބަރު 5 އަށް ކުރިއަށް ގެންދާ މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދޭނެ ކަމަށެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އުޅަނދު ދުއްވުމުގައި ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރެވިދާނެ ކަންކަމުގެ މައުލޫމާތުދޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބަސް ދަތުރުގެ ގަވާއިދުތަކާއި، ދަތުރަށް ތައްޔާރުވުމުގެ ގޮތުން ކުރަންވީ ކަންކަމުގެ މައުލޫމާތުގެ އިތުރުން އެކްސިޑެންޓެއް ދިމާވާ ހާލަތުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކުރާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ޕްރޮގްރާމަކީ ޕަބްލިކް ޓްރާންސްޕޯޓުގެ ގޮތުގައި ބަސްދަތުރުގެ ހިދުމަތް ފޯރުކޮށްދިނުމުގައި ރައްކާތެރިކަން ގާއިމުކުރުމުގެ ގޮތުންނާއި، ހިދުމަތް ދިނުމުގައި ދިމާވާ ނުރައްކާތެރި ހާދިސާތައް މަދުކުރުމާއި، ޑްރައިވަރުންގެ މަސައްކަތުގެ މާހައުލުގައި ރައްކާތެރި ވެއްޓެއް ގާއިމުކުރުމަށް ރޯޑް ޕޮލިހާއި އެމްޓީސީސީ ގުޅިގެން ސިލްސިލާކޮށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.