English Edition
Dhivehi Edition

އައްޑޫސިޓީ ފޭދޫގައި މިހާރު ކުރިއަށްދާ “ހާޝީޒް ފޭދޫ ސޮކަކަޕް 2018” ފުޓުބޯޅަ މުބާރާތުގައި ފޭދޫ ޔުނައިޓެޑް ފްރެންޑްސް މިހާތަނަށްކުޅުނު ތިން މެޗުންމޮޅުވެ ގުރޫޕް އޭ ގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފިއެވެ.

ޔުނައިޓެޑް ފްރެންޑްސްގެ ތިންވަނަ މެޗުގައި މިއަދު ބައްދަލުކުރީ މަރަދޫފޭދޫ އެފްސީއާ އެވެ. އެ މެޗުން ޔުނައިޓެޑް ފްރެންޑްސް މޮޅުވީ 3-1 ލަނޑުންނެވެ. މި ނަތީޖާއާ އެކު އެޓީމަށްވަނީ 9 ޕޮއިންޓް ލިބިފައެވެ. ދެވަނަ ބުރުގައި ބާކީ އެއްމެޗު އެޓީމަށް އެބައޮތެވެ. މި ދެޓީމް ފުރަތަމަ ބުރުގައި ބައްދަލުކުރި މެޗުވެސް ޔުނައިޓެޑް ފްރެންޑްސް މޮޅުވެފައިވަނީ 3-1 ލަނޑުންނެވެ.

މިއަދުގެ މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑުނެގީވެސް ޔުނައިޓެޑު ފްރެންޑްސް އެވެ. މެޗުގެ 18 ވަނަ މިނިޓުގައި އެލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޖާޒީ ނަމްބަރު 3 ހުސައިން ލަތީފެވެ. އެޓީމުގެ ދެވަނަ ލަނޑު މެޗުގެ 27 ވަނަ މިނިޓުގައި ޖަހައިދިނީ އެޓީމުގެ ޖާޒީ ނަމްބަރު 9 އަލީ ލިރުޣާމެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވުނީ އޭނާއެވެ.

މިއަދުގެ މެޗުގައި މަރަދޫފޭދޫއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 75 ވަނަ މިނިޓުގައި އެޓީމުގެ ޖާޒީ ނަމްބަރު 7 އަލީ ނަޖާހެވެ. ޔުނައިޓެޑް ފްރެންޑްސްގެ ތިންވަނަ ލަނޑުޖަހައިދިނީ އެޓީމުގެ ޖާޒީ ނަމްބަރު 29 އަހުމަދު ޒައުލް އެވެ. އޭނާ އެ ލަނޑުޖަހައިދީފައިވަނީ 89 ވަނަ މިނިޓުގައެވެ.
މިއަދުގެ މެޗުން މަރަދޫފޭދޫ އެފްސީ ބަލިވިޔަސް ސެމީއަށް ދިޔުމުގެ ފުރުސަތު އެޓީމަށް އަދި ނުގެއްލެއެވެ. އެޓީމަށް ސެމީން ޖާގައެއް ލިބެނީ މަރަދޫ އެފްސީ އަތުން މޮޅުވެ، ޔުނައިޓެޑް ފްރެންޑްސް އަތުން މަރަދޫ ބަލިވެގެންނެވެ.

މި ދެޓީމުންކުރެ ކޮންމެ ޓީމަކަށް މިހާރު ލިބިފައިވަނީ އެއްޕޮއިންޓެވެ. މަރަދޫފޭދޫ އެފްސީގެ ކޯޗު ނަޖާހު ބުނީ މިއަދު އޭނާގެ ޓީމު ބަލިވިޔަސް ކުޅުނު ކުޅުމާމެދު ވަރަށްބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

“މުބާރާތުގައި އަޅުގަނޑުމެން ބައިވެރިވީ މުބާރާތުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ އެއްމަގުސަދު ކަމަށްވާ އައްޑޫސިޓީގެ ކުޅުންތެރިން ކުރިއަރުވަން. އެގޮތުން އަޅުގަނޑުމެންގެ ޓީމަކީ މުބާރާތުގައި ވާދަކުރާ އެންމެ ޅަޓީމް. ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ ހަތަރު ކުޅުންތެރިންވެސް ތިބެނެ މަރަދޫފޭދޫ ޓީމުގައި. ސަޕޯޓަރުންވެސް ގަބޫލުކުރޭ މިޓީމް ވަރަށް ރަނގަޅަށް މިހާރު ކުޅެމުންދާ ކަމަށް. ސެމީގެ އުންމީދު އަދިވެސް އަޅުގަނޑުމެން ދޫކޮށްނުލަން،” ނަޖާހު ބުންޏެވެ. އޭނާ ބުނީ އެޓީމު ޕްރެކްޓިސްކުރާނެ ދަނޑެއްވެސް ނެތްކަމަށެވެ. އެއީ ވަރަށް ހިތާމަކުރާ ކަމެއް ކަމަށްވެސް އޭނާ ބުންޏެވެ. “މަރަދޫފޭދޫ ޓީމްކިތަންމެ ޅަ ވިޔަސް މިއީ ޓީމެއްކަން އައްޑޫސިޓީ މިއަދު ގަބޫލުކުރަންޖެހޭ،” ނަޖާހު ބުންޏެވެ.

މުބާރާތުގައި މާދަމާކުޅޭ މެޗުގައި ބައްދަލުކުރާނީ ހިތަދޫ ދެޓީމް ކަމަށްވާ ނެކްސަސް އާއި، މައިލޯ ސިޓީ އެފްސީއެވެ. މިއީ ބީ ގްރޫޕްގެ މެޗެކެވެ. މާދަމާގެ މެޗަށް މި ދެޓީމް ނުކުންނައިރު ނެކްސަސްވަނީ މިހާތަނަށް ކުޅުނު ދެމެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއްމެޗު އެއްވަރުކޮށް ޖުމްލަ 4 ޕޮއިންޓް ހޯދައިފައެވެ. މައިލޯ ސިޓީ އެފްސީ ކުޅުނު ދެމެޗުން ލިބިފައިވަނީ އެއްޕޮއިންޓެވެ. ފުރަތަމަ ބުރުގައި މިދެޓީން ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ.

މުބާރާތުގެ އެއްވަނަ ހޯދާ ޓީމަކަށްވަނީ 75000 ރުފިޔާގެ އިނާމެއް ހުށަހަޅައިފައެވެ. ދެވަނަ ޓީމަށް ތިރީސް ހާސް ރުފިޔާވަނީ ހުށަހަޅައިފައެވެ. މިއީ އައްޑޫގައި މިފަދަ މުބާރާތެއް ނުބާއްވާތާ 25 އަހަރު ފަހުން ބާއްވާ މުބާރާތެކެވެ.

މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ހެޕީމާކެޓެވެ. ހެޕީމާކެޓަކީ ރާއްޖޭގައި ބާއްވާ މިފަދަ ހަރަކާތްތަކަށް ވަރަށް ފުރިހަމަ ގޮތެއްގައި އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ވިޔަފާރި ކުންފުންޏެވެ. އޮފިޝަލް މީޑީއާ ޕާޓްނަރަކީ އޭއޯނިއުސްއެވެ.