English Edition
Dhivehi Edition
އީދު ދުވަހުގެ ހަވީރު ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން: ފޮޓޯ ޕޮލިސް މީޑިއާ

ބޮޑު އީދާ ގުޅިގެން މިއަދު ހަވީރު 16:00 އިން 18:00 އަށް އެއްގަމު އުޅަނދު ދުއްވުން މާލެއާއި ވިލިމާލޭގައި މަނާކޮށްފައި އޮތް ވަގުތު، ވެހިކަލް ދުއްވައިގެން 11 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ޢީދު ދުވަހުގެ ހަވީރު މާލޭ ސަރަޙައްދުގައި އާއިލާތަކަށް މަގުމައްޗަށް ނިކުމެ ޢީދުގެ އުފަލުގައި ހިތްފަސޭހަ މާހައުލެއް ޤާއިމުކޮށްދިނުމުގެ ބޭނުމުގައި އަޟްޙާ ޢީދުގެ ދުވަހު ހަވީރަކީ ފައިމަގުގައި އުޅޭ ވަގުތެއްގެ ގޮތުގައި މާލޭ ސިޓީ ކައުންސިލުން ވަނީ ހަމަޖައްސަވާފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން އީދު ދުވަހު ނެރުނު އިއުލާނުގައި އޮތީ އީދު ދުވަހުގެ ހަވީރުގެ އެ ވަގުތުގައި ދުއްވަން ހުއްދަ އޮންނާނީ އާންމުދަތުރުފަތުރަށް ބޭނުންކުރާ އުޅަނދުތަކާއި، އެމަޖެންސީ ޚިދުމަތުގައި ބޭނުންކުރާ ވެހިކަލަށް ކަމަށެވެ. އަދި އެއާ ޚިލާފުވާނަމަ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ވެސް ދީފައިވެއެވެ.

މިގޮތުން ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލޭ ސަރަހައްދުގެ އާންމު ހުރިހާ މަގުތަކުގައި ދުއްވާ އެއްޗެހި ދުއްވުން ވަނީ މަނާކޮށްފައެވެ. މިވަގުތުގެ ތެރޭގައި މާލޭ ސަރަޙައްދުގައި ފުލުހުން ވަނީ ޚާއްސަ ޓްރެފިކް އޮޕަރޭޝަނެއްވެސް ކުރިއަށްގެންގޮސްފައެވެ.

ފުލުހުން ވިދާޅުވީ، ވެހިކަލް ދުއްވުން މަނާ ގަޑިތަކުގައި ވެހިކަލް ދުއްވައިގެން 11 މީހެއް ޖޫރިމަނާކޮށްފައިވާކަމަށެވެ. އަދި 141 މީހަކަށް ނަސޭހަތްތެރިވަފައިވާކަމަށާއި 3 އުޅަނދެއް ޓޯވކޮށްފައިވާކަމަށެވެ.

މީގެ އިތުރުން، ނުރައްކާތެރިކޮށް ދުއްވައިގެން އެއް ވެހިކަލާއި، ލައިސެންސް މުއްދަތު ހަމަވެފައި އޮއްވައި ދުއްވައިގެން ވެހިކަލަކާއި، އެއްވެސް ލައިސެންސެއް ނެތި ދުއްވައިގެން ވެހިކަލެއް ހިމެނޭހެން ޖުމްލަ ތިން ވެހިކަލް ޓޯކުރި ކަމަށް ފުލުހުން ބުންޏެވެ.