English Edition
Dhivehi Edition
ރައީސް ނަޝީދު

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ބައެއް އިސް ބޭފުޅުންނަށް ފޮނުއްވި މެސެޖެއްގައި ވަނީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ވިސްނުން ގެންގުޅުއްވާތީ އެކަމާ ގުޅޭ ގޮތުން ފެނިވަޑައިގަންނަވާ ގޮތެއް ވިދާޅުވެ ދެއްވުމަށެވެ.

“ކިހިނެއްތޯ ފެންނަނީ؟، ކޮންމެ ގޮތަކަށް ޖަވާބު ދެއްވި ނަމަވެސް އަޅުގަނޑުމެންގެ ގުޅުމަށް ބުރޫނާރާނެ،” ނަޝީދު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ރައީސްކަން ކުރެއްވި، އަދި އެ ޕާޓީގެ ފުރަތަމަ ވެރިކަމުގައި ގައުމު ހިންގެވި ނަޝީދު އެ ޕާޓީން ވަކިވެވަޑައިގަތީ، 2023 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބާ ދިމާކޮށް އެ ޕާޓީގައި އެ މަނިކުފާނަށް ތާއިދުކުރާ “ފިކުރެއްގެ ދިރުން” ފެކްޝަނާއި އެއިރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއިދު ކުރާ ފެކްޝަނެއް އުފެދި ބައިބައިވި ފަހުންނެވެ.

ނަޝީދު އޭރު ވަނީ އެމްޑީޕީ “ރޫޅާލާނަން” ކަމަށް ވިދާޅުވެ އެ ޕާޓީއަށް ރިޔާސީ އިންތިހާބު ކާމިޔާބުވިޔަ ނުދިނުމަށް މަސައްކަތް ކުރައްވައިފަ އެވެ.

އެކަމަކު މި ފަހުން، ނަޝީދު ވަނީ ރާއްޖެ އާއި އެމްޑީޕީ އަދި ޑިމޮކްރެޓްސް އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އެ ދެ ޕާޓީ ގުޅުން ކަމަށް ވިދާޅުވެފައެވެ. އޭގެ ފަހުން ޑިމޮކްރެޓްސްގައި އިސްކޮށް ތިއްބެވި ބައެއް ބޭފުޅުން ވަނީ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައެވެ.

ރާއްޖޭގެ ސިޔާސީ ދާއިރާއިން މި ވަގުތު ދުރުގައި ހުންނެވި ނަޝީދަކީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލެވެ. އެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމަށް މީގެ އަހަރެއް ކުރިން އެ މަނިކުފާނު ވަނީ ގާނާއަށް ބަދަލުވެވަޑައިގެންފައެވެ. އަދި އެ މަގާމުގައި ހުންނަވައި، އެމްޑީޕީ އަދި ޑިމޮކްރެޓްސްގައި ވެސް ސިޔާސީ މަަސައްކަތް، އަމަލީ ގޮތުން ނުކުރައްވާ ކަމަށް ވިދާޅުވެފައިވެއެވެ.