English Edition
Dhivehi Edition
އެންމެ ފުރަަތަަމަ ފަހަރަށް ރާއްޖޭގައި ސިވިލް ސޮސައިޓީ އެވޯޑު ދެވުނީ 2023 ވަނަ އަހަރު : ފޮޓޯ ރައީސް އޮފީސް

ރަޖިސްޓްރީކޮށްގެން ހިންގާ މަދަނީ ޖަމުޢިއްޔާ/ޖަމާޢަތްތަކަށް ދޭ “ސިވިލް ސޮސައިޓީ އެވޯޑް”އަށް ކުރިމަތިލާން ހުޅުވާލައިފިއެވެ.

އިޖްތިމާޢީ ގޮތުން މުޖުތަމަޢު ބާރުވެރިކުރުވުމަށް އަމިއްލައަށް އިސްނަގައިގެން މަދަނީ ޖަމްޢިއްޔާތައް އަދާކުރާ ދައުރާމެދު ހޭލުންތެރިކަން އިތުރުކުރުމާއި އެކަންކަމުގެ އަގުވަޒަންކުރުމާއި ދަރުމަވެރި ޖަމްޢިއްޔާތަކުގެ ތެރެއިން ނަމޫނާ ޚިދުމަތްތަކެއް ދޭ ޖަމްޢިއްޔާތަކަށް ހިތްވަރު ދިނުމާއި އަގު ވަޒަންކުރުމުގެ ގޮތުން ދޭ މި އެވޯޑަށް ކުރިމަތިލުމުގެ ފުރުޞަތު ޖުލައި މަހުގެ 10 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާބެހޭ ވުޒާރާއިން ވިދާޅުވީ މިއިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލައިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމުޢިއްޔާއެއް ނިސްބަތްވާ މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމުއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމުއިއްޔާތަކަށް ދެވޭ އިނާމެއްކަމަށެވެ.

މި އިނާމް 9 ދާއިރާއަކުން ދިނުމަށް އެ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

އިނާމް ދޭ ދާއިރާތައް

– އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްޤުތައް ޙިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުން
– ޚާއްސައެހީގެ ދާއިރާ
– ތަޢުލީމީ ދާއިރާ
– މަސައްކަތްތެރިކަން ކުރިއަރުވާ އާލާ ކުރުން
– ދިވެހިންގެ ސަޤާފަތާއި އާދަކާދަތަކާއި ތާރީޚި ތަރިކަ، ދިވެހި ބަސް ދިރުވުން
– ފަންނުވެރިކަން (އާޓްސް) އަދި (އައި.ސީ.ޓީ) ދާއިރާ ދިރުވައި އާލާކުރުން
– ތިމާވެށީގެ ދާއިރާ
– ސިއްޙީ ދާއިރާ އަދި ދުޅަހެޔޮ މުޖުތަމަޢުއަކަށް މަސައްކަތް ކުރުން
– މަސްތުވާ ތަކެތިން މުޖުތަމަޢު ރައްކާތެރިކުރުން

މި އިނާމަށް އެދި ހުށަހެޅޭނީ ރަޖިސްޓްރީކޮށްގެން ހިންގާ ޖަމިއްޔާތަކަށާއި ފާއިތުވި 2 އަހަރު އަހަރީ ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި ރިޕޯޓު ހުށަހަޅާފައިވާ ޖަމިއްޔާތަކަށެވެ. އަދި ހިންގާ ކޮމިޓީގެ މުއްދަތު ހަމަނުވާ ޖަމިއްޔާތަކަށްވެސް މި އިނާމަށް ކުރިމަތިލެވޭނެއެވެ.

މި އިނާމާށް ހުށަހެޅޭނީ ކޮންމެ ޖަމްޢިއްޔާއަކުންވެސް އަމިއްލައަށެވެ. ކޮންމެ ޖަމްޢިއްޔާއަކަށްވެސް އިނާމަށް ހުށަހެޅޭނީ ކޮންމެވެސް އެއްދާއިރާއަކުންނެވެ.

ރާއްޖޭގައި އެންމެ ފުރަތަަމަ “ސިވިލް ސޮސައިޓީ އެވޯޑްސް” ދީފައިވަނީ 2023 ވަނަ އަހަރުގައެވެ. މި އެވޯޑް އެއަހަރު 10 ޖަމިއްޔާ އަކަށް ވަނީ ދީފައެވެ.