English Edition
Dhivehi Edition
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު ފޮޓޯ:ރައީސް އޮފީސް

ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިފްތިތާހުކޮށްދެއްވައިފިއެވެ.

އެކަމަށްޓަކައި ރޭ، ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދުވެސް ބައިވެރިވެވަޑައިގަތެވެ.

މައުރަޒު އިފްތިތާހާކޮށްދެއްވުމަށްފަހު ރައީސް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަނީ، އެ މައުރަޒުގެ ބައިވެރިންގެ މަސައްކަތްތައް ބައްލަވާލައްވާފައެވެ. މި މައުރަޒުގައި ދިވެހިވަންތަ، ސަގާފީ އުފެއްދުންތަކުގެ އިތުރުން ޒަމާނީ ދިވެހި އުފެއްދުންތަކާއި، ހުނަރުވެރި ދިވެހީންގެ ސުމޭކު އުފެއްދުންތަކާއި މުނިފޫހިފިލުވުމުގެ ދާއިރާގެ އުފެއްދުންތަކާއި ހުށަހެޅުންތައް ފެނިގެންދެއެވެ.

މިއީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކޮށް، ވިޔަފާރި ފުޅާކުރުމުގެ މަގްސަދުގައި މިހާތަނަށް ރާއްޖޭގައި ބާއްވާ މި ފަދަ އެންމެ ބޮޑު މައުރަޒެވެ. “ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު” ގެ ނަމުގައި މައުރަޒެއް ބޭއްވުމަށް ރައީސް ނިންމަވާފައިވަނީ، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު 19 މޭ 2024 ގައެވެ. މައުރަޒުގެ ކަންކަން އިންތިޒާމުކޮށް ކުރިއަށްގެންދަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ގުޅިގެންނެވެ.

މައުރަޒު ހުޅުވުން ފާހަގަކުރުމަށް، ހަވާއެރުވުމުގެ ހަރަކާތްތައްވެސް މިރޭ ކުރިއަށްގެންގޮސްފައިވެއެވެ. މި މަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު، ހަވީރު 4:00 އިން ރޭގަނޑު 11:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި މަޢުރަޒު ކުރިއަށްގެންދާނެއެވެ.