English Edition
Dhivehi Edition
26 ނޮވެންބަރު 2019 ގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފަންނު އެކްސްޕޯއަށް ޒިޔާރަތްކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

އެކްސްޕޯޓް ކުރުމަށާއި އިމްޕޯޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ރާއްޖޭގައި މުދާ އުފެއްދުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޚާއްސަ ޕްރޮގްރާމެއް ހިންގަން ނިންމައިފި އެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑް (ބީސީސީ) އިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ދުރުރާސްތާގެ އިޤްތިޞާދީ ތަރައްޤީ ހާސިލުކުރުމަށްޓަކައި، އިޤްތިސާދު އެއް ސިނާޔަތަކަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ ސަރުކާރުގެ ނޫ އިޤްތިޞާދު ސިޔާސަތުގެ ތެރެއިން ޚާއްޞަ އަހަންމިއްޔަތު ކަމެއްދީގެން ކުރަމުން އަންނަ މަސައްކަތްތަކެއް ކަމަށެވެ.

އެގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އިސްނެންގެވުމުގެ މަތިން ބީސީސީ އާއި މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަން އާއި ގުޅިގެން އައު އުފެއްދުންތައް ބާޒާރަށް ނެރެން މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ޚާއްޞަ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށް އެ އިޢުލާނުގައި ވެއެވެ.

ބީސީސީން ބުނީ އެ ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ދިވެހި ރާއްޖެއަށް އިމްޕޯޓް ކުރާ ބާވަތްތައް ރާއްޖޭގައި އުފެއްދުމާއި، ބައިނަލްއަޤްވާމީ ބާޒާރުގައި ވާދަކުރެވޭ ފެންވަރު ރަގަޅު ދިވެހި އުފެއްދުންތައް ނެރުން ކަމަށެވެ. އަދި އެފަދަ މަސައްކަތް ކުރާ ފަރާތްތަކަށް ބޭނުންވާ ޕްރޮޑަކްޓް ޑިވެލޮޕްމަންޓާއި ބްރޭންޑިންގ ފަދަ ފަންނީ އެހީތެރިކަން ފޯރުކޮށްދީ، ޖޮއިންޓް-ވެންޗަރ އުސޫލުން ވިޔަފާރި ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން ދުރުރާސްތާގައި ކާމިޔާބު އެކްސްޕޯޓް-އޮރިއެންޓަޑް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކެއް އުފައްދާ، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގައި އުފައްދާ މުދާ އެކްސްޕޯޓް ކުރުމަށް މަގުފަހިކޮށްދިނުމަކީވެސް އެ ޕްރޮގްރާމްގެ އަމާޒެއް ކަމަށް ބީސީސީން ބުނެއެވެ.

އެ ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ބައިވެރިވާން ޝަޢުޤުވެރިވާ ފަރާތްތަކުން، ޖޫން 30 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، އެކަމަށް އެދޭ ފޯމް ފުރާ، ނަން ނޯޓް ކުރުމަށް ބީސީސީން ވަނީ އެދިފައެވެ.