English Edition
Dhivehi Edition
26 ނޮވެންބަރު 2019 ގައި ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ފަންނު އެކްސްޕޯއަށް ޒިޔާރަތްކުރެއްވުން - ފޮޓޯ: ރައީސް އޮފީސް

އެކްސްޕޯ 2020 ގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ހުޅުވާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ދުބާއި ގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯ 2020 ކޮވިޑް-19 އާއި ގުޅިގެން މިހާރު އަންނަ އަހަރުގެ އޮކްޓޫބަރު މަހަށް ފަސްކޮށްފައިވާ ކަމަށެވެ. ހަމަސް ދުވަހަށް ދެމިގެންދާ އެ އެކްސްޕޯ މިހާރު ބޭއްވުމަށް ހަމަޖެހިފައިވަނީ، 1 އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 ގެ ނިޔަލަށް ޔުނައިޓަޑް އެރެބް އެމިރޭޓްސްގެ ދުބާއީ ގައި ކަމަށާއި، އެ ވޯލްޑް އެކްސްޕޯގައި ދިވެހި އުފެއްދުންތައް ވިއްކާ، މާކެޓް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އިކޮނޮމިކް މިނިސްޓްރީން ހާމަކުރާ ގޮތުގައި މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކުމަށާއި، ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރު ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ. އެކްސްޕޯގައި ހިމެނޭ ވޯލްޑް މާރކެޓް އިނިޝިއޭޓިވްގެ ކޮމާޝަލް އޮޕަޗުނިޓީ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) މެދުވެރިކޮށްށެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އޮކްޓޫބަރު 2020 ވާ ބުދަ ދުވަހު ގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް ނަމާއި ގުޅޭނެ ނަންބަރު ފޮނުވުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި ނަން ހުށަހަޅާ ފަރާތްތަކަށް މަޢުލޫމާތު ސެޝަން 1 ނޮވެންބަރު 2020 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ޖަހާއިރު އެ މިނިސްޓްރީގައި އޮންނާނެ ކަމަށް އިޢުލާނުގައި ބުނެފައި ވެއެވެ.

އަދި އެކަމަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރުމަށް ފަހު 15 ނޮވެންބަރު 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ އެދިފައެވެ.