އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވުމުން މުޖުތަމައުއާއި އިގްތިޞާދަށް ވެސް އޭގެ ފައިދާ ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
އިއްޔެ ފާހަގަކުރި ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީ ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތާބުގައި މިނިސްޓަރ ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި އަންހެން ދަރީން ޑިޖިޓަލް އިންގިލާބުގެ ހަވާސައިގައި މަޑުޖެހިލައިގެން ތިބެން ޖެހޭ ކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ މީހުން ތަހަންމަލުކުރާ ދަތިތަކުގެ ތެރޭގައި، ޓެކްނޮލޮޖީ ބޭނުންކުރުމުގައި ހަމަހަމަކަން ނެތުމާއި ޑިޖިޓަލް ދާއިރާގެ ވަޒީފާތަކާއި ލީޑަޝިޕްގައި ބައިވެރިވުމުގައި ހުރަސްތައް ހުރުން ހިމެނޭ ކަމަށް އިހުސާން ވިދާޅުވިއެވެ.
މިއަހަރުގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ޓެކޮނޮލޮޖީ ދުވަހުގެ ޝިއާރަކަށް މުއާސަލާތީ ޖަމިއްޔާ، އައިޓީޔޫއިން ކަނޑައަޅާފައި ވަނީ، ‘ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަން’ އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިހްސާން ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އިގުތިޞާދާއި ދިރިއުޅުމުގެ ކަންކަން ބަރޯސާވެ، ކުރިއަރަމުން އަންނައިރު، ބަލައިލަން ޖެހޭ މުހިންމު ކަމެއް އެބަ އޮތް ކަމަށެވެ. އެގޮތުން، ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި އެންމެންނަށް ފުރުސަތު ދެވޭތޯއާއި އެކަމުގައި އެއްވެސް ބަޔަކު ފަހަތަށް ޖެއްސޭތޯ މިނިސްޓަރު ވަނީ ސުވާލުއުފައްދަވަފައެވެ.
މީގެ އިތުރުން، ޓެކްނޮލޮޖީގެ ފަސޭހަކަމާއި ޓެކްނޮލޮޖީ ގެނުވާ އިންގިލާބުތަކުގައި، އެއްވެސް ބަޔަކު ބާކީ ކުރެވުން މިއީ އެދެވިގެންވާ ކަމެއް ނޫންކަމަށް މިނިސްތަރު ވިދާޅުވިއެވެ. ޚާއްސަކޮށް، ތަރައްގީވަމުން އަންނަ ޤައުމުތަކާ އަޅާބަލާއިރު، ރާއްޖޭގައި ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގް ދާއިރާ ފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް މަގުފަހި ކުރުވާ ދާއިރާތަކުގައި އަންހެން ބޭފުޅުން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މަދު ނޫންކަން މިނިސްޓަރ ފާހަގަކުރެއްވެވިއެވެ.
ޑިޖިޓަލް ޓްރާންސްފޮމޭޝަންގައި މިންތީގެ ހަމަހަމަކަމަކީ، ތަޢުލީމާއި ޞިއްޙަތާއި ވިޔަފާރިއާއި ދަނޑުވެރިކަމުގެ އިތުރުން ވެރިކަން ކުރުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމުގައި އަންހެނުން ވެސް ބާރުވެރި ކުރުވުން ކަމަށް އިހުސާން ވިދާޅުވިއެވެ
މިނިސްޓަރުގެ ޚިތާބު ނިންމާލެއްވީ، ސަރުކާރުގެ ‘ޑިޖިޓަލް ފަސްޓް ނޭޝަން’ ސިޔާސަތުގެ ދަށުން، އަންހެނުން ހިމެނޭހެން ވަކި މީހަކު އިސްތިސްނާ ނުވާ ގޮތަށް ޚިދުމަތްތައް ފަސޭހަކަމާއި އެކު ފޯރުކޮށްދެވެން ފެށުމުން އަންހެނުން އިތުރަށް ބާރުވެރިވެ، އިގުތިޞާދުގައި ހަމަހަމަ ބައިވެރީންނަށް ވުމުގެ ފުރުސަތު ބޮޑުވާނެ ކަަމަށް ވިދާޅުވެފައެވެ.