English Edition
Dhivehi Edition
ކަރެކްޝަންސްގެ އޮފިސަރުން/ފޮޓޯ ކަރެކްޝަންސް

ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަންގެ 19 އޮފިސަރަކު އެހީތެރިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ޖަލުގައި ހިންގާ ޚާއްސަ އޮޕަރޭޝަނާއި ބެހޭ މަޢުލޫމާތު ދެއްވުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ މި މައްސަލަ ފެންމަތިވި ހިސާބުން ފެށިގެން އިންޓެލިޖެންސް ބޭނުންކޮށްގެން މައުލޫމާތު ހޯދާފައިވާ ކަމަށެވެ. އެގޮތުން ކަރެކްޝަންސްގެ 18 މުވައްޒަފެއް ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި އެހީތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ޖަލު ބަލަހައްޓާ އޮފިސަރުންގެ އެކައުންޓަށް އާދަޔާ ޚިލާފަށް ފައިސާ ޖަމާވެފައިވާކަމަށާއި އެގޮތުން 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 18 އޮފިސަރުންގެ އެކައުންޓަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށެވެ. މީގެ ތެރެއިން ބައެއް މުވައްޒަފުން މިހާރު ހައްޔަރުކޮށްފައިވާ ކަމަށް ޝަރީފްވަނީ ވިދާޅުވެފައެވެ.

ޝަރީފް އިތުރަށް ވިދާޅުވީ ތަޙުގީގަށް ފާހަގަކުރެވުނީ މި ފައިސާ މި އެކައުންޓުތަކަށް ޖަމާވެފައި ހުރީ ޖަލުގައި މިހާރު ހައްޔަރުގައި ތިބި ގައިދީންނާއި އަދި ކުރިންވެސް ހައްޔަރުގައި ތިބި ގައިދީންގެ އެކައުންޓުތަކުގައި ހުރި ފައިސާއިންނާއި މާލޭގައި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި މުވައްޒަފުންގެ އެކައުންޓުތަކަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށްފައި ހުރިކަން ކަމަށެވެ.

ޖަލުގައި ޚާއްސަ އޮޕަރޭޝަނެއް ހިންގާކަން ހާމަކުރެއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި، ދާޚިލީ ސަލާމަތްތަކާބެހޭ ވަޒީރު އަލީ އިޙްސާނެވެ. ވަޒީރު ވިދާޅުވީ މި އޮޕަރޭޝަން ކުރިއަށްގެންދަނީ ދިވެހި ފުލުހުންގެ ޚިދުމަތުން ކަމަށެވެ. މިނިސްޓްރީ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ އެ މައްްސަލައިގެ އޮޕަރޭޝަންތައް ފެށީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންކަމަށާއި މިހާތަނަށް ބެލިބެލުމުން އެ މައްސަލާގައި ހިމެނޭ ހަ މީހަކު މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ ކަމަށެވެ.