ބަންގްލަދޭޝް މީހަކު މާލޭގައި ބުޅާ މަހުން ކާތަކެތި ހަދާ ވިއްކާކަމަށް އާންމުންގެ ތެރޭގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން އޭނާ މަސައްކަތްކުރި ތަނުގައި ބުޅާ މަސް ހުރިތޯ ބެލުމަށް ސާމްޕަލް ނަގައި އެ ޓެސްޓުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާން މިހެން ބުނެފައި ވަނީ ހެލްތު މިނިސްޓްރީއާ އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން މިކަމުގެ މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މި ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ ބަންގްލަދޭޝަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އެމްޑީ އަރަފާތު ހޮސައިން މަސައްކަތްކުރި ބަދިގެއިން ސާމްޕަލް ނެގުމަށްފަހު އެ ގޭގެ ވެރިފަރާތާއި އެތަން ހަވާލު ކޮށްފައިވާކަމަށެވެ. އަދި ސާމްޕަލްތަކުގެ ނަތީޖާ ލިބުނުހާ އަވަހަކަށް އާންމުންނާ މިކަން ހިއްސާ ކުރައްވާނެ ކަމަށް އިހްސާން ވިދާޅުވިއެވެ.
ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ކަމަށް ބުނާ މީހާއާ ގުޅޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން އަންނައިރު، އެ ވީޑިއޯގައި ބުނަނީ އެ މީހާއަކީ ބުޅާ މަހުން ކާބޯތަކެތި ތައްޔާރުކޮށްގެން ރަޖިސްޓްރީ ކުރުމެއް ނެތި ވިޔަފާރި ކުރަމުންދާ ބިދޭސީއެއް ކަމަށެވެ. ވީޑިއޯގައި ބުނާ ގޮތުން އޭނާ އަކީ ބާގާ އާއި ސަބްމެރީން ފަދަ ކާބޯތަކެތި ހަދައިގެން ވިއްކަމުން އަންނަ މީހެކެވެ.
“އަޅުގަނޑުމެންނަށް ހުށައެޅިފައި އޮތް މައްސަލައެއް ނޫން ބުޅާ މަސް އަޅައިގެން އެއްޗެހި ހަދައިގެން މީހުންނަށް ވިއްކި ކަމަކަށް. ނަމަވެސް އެ ކޮންސާން އޮތީތީވެ ފުލުހުންގެ ފަރާތުން އެ މައްސަލަ އެބަ ތަހުގީގު ކުރޭ،” މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަރަފާތުގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވި ނުވަތަ ތަހުގީގުކުރާ ހާލަތެއް އަދި ނާންނާތީ މިވަގުތު އޭނާ ހުރީ ވިޒާ ވައިލޭޝަންގެ މައްސަލައެއްގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބުޅާ މަސް އަޅައިގެން ކާބޯތަކެތި ހަދާ އެތަކެތި ވިއްކާކަމަށް ބުނެ އެމްޑީ އަރަފާތުގެ މައްސަލަ ފުލުހަށް ހުށައަޅާފައި ވަނީ އެނިމަލް ވެލްފެއާ މިނިސްޓްރީންނެވެ.