ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ދެ ފަނޑިޔާރަކު ވަކިކުރުމާ ގުޅިގެން ހުސްވެފައިވާ ދެ މަގާމަށް ކުރިމަތިލުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިއަދު ހުޅުވާލައިފިއެވެ.
ފަނޑިޔާރު ކަމަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި:
- މުސްލިމަކު ކަމުގައިވުމާއ،ި ސުންނަތް ޖަމާއަތުގެ މީހަކު ކަމުގައިވުން
- ބުއްދިހަމައަށް ހުރި މީހަކު ކަމުގައިވުން
- ޤާނޫނުއަސާސީގެ ދަށުން ނުވަތަ ޤާނޫނެއްގެ ދަށުން އިންތިޚާބުކޮށްފައިވާ ނުވަތަ ޢައްޔަންކޮށްފައިވާ ސިޔާސީ މަޤާމެއް ފުރަމުންދާ މީހަކުކަމުގައި ނުވުން
- ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ޙަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން
- އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއ،ް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން
- ޤާނޫނުލްޢުޤޫބާތުގެ ދަށުން ކުށެއް ކުރިކަމަށް ނުވަތަ އެއްވެސް ބާވަތެއްގެ ބަދުއަޚްލާޤީ ޢަމަލެއް ހިންގިކަމަށް ނުވަތަ ޓެރަރިޒަމްގެ ކުށެއް ކުރިކަމަށް ޙުކުމްކުރެވި އެ ޙުކުމް ވޭތުވެދިޔަ ހަތް އަހަރު ދުވަހުގެ ތެރޭގައި ތަންފީޛުކޮށް ނިމިފައިވާ މީހަކު ކަމުގައި ނުވުން
- އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކުނަމަ ޙުކުމާއެއްގޮތަށް އެ ދަރަނި އަދާކުރަމުންދާ މީހެއްކަމުގައިވުން
- ޖިނާއީ ކުށެއް ސާބިތުވެ ޙުކުމް ތަންފީޛު ކުރަމުންދާ މީހަކު ކަމުގައި ނުވުން
- އުމުރުން ތިރީސް އަހަރު ވެފައިވާ މީހަކު ކަމުގައިވުން
- އސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން
- ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ހަތް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން
ސުޕްރީމް ކޯޓުގެ އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ 12:00 އާއި ހަމައަށް ހުޅުވާލާފައިވާއިރު އެޕްލިކޭޝަން ހުށަހަޅާނީ ޖޭއެސްސީގެ ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށެވެ. މީގެ އިތުރުން ހާޑް ކޮޕީ ހުށަހަޅަންބޭނުންވާ ފަރާތްތަކަށް ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެއެވެ.
ސުޕްރީމް ކޯޓުގެ ބެންޗުން ދެ ގޮނޑިއެއް ހުސްވީ، ރައްޔިތުންގެ މަޖިލީހުން މިދިޔަ ބުދަ ދުވަހު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ފަނޑިޔާރު ކަމުން ވަކިކުރުމުންނެވެ.