ރައީސުލްޖުމްހޫރިއްޔާ ޑރ، މުހައްމަދު މުޢިއްޒު، “މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން” ގެ މެންބަރުކަމަށް މ.ހާވިލާ، މޫސާ ރިޟްވާން އައްޔަންކުރައްވައިފިއެވެ.
މޫސާ ރިޟްވާން މި މަގާމަށް އައްޔަންކުރައްވާފައިވަނީ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 6 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.
މޫސާ ރިޟްވާން ވަނީ 2016ވަނަ އަހަރު ޕޮލިޓިކަލް ސައިންސް އަދި އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ބެޗެލަރސް ހާސިލްކުރައްވާފައެވެ. މޫސާ ރިޟްވާން މީޑިޔާ އާއި މީޑިޔާ ހިންގުމުގައި 2009 ވަނަ އަހަރުން ފެށިގެން އަމަލީ ގޮތުން ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ.
މީގެ އިތުރުން، ބައިނަލްއަގްވާމީ އިދާރާތަކާއި ސަރުކާރުގެ ވުޒާރާތައް ގުޅިގެން މުޅި ރާއްޖޭގައި ހިންގި ފެންނާރު މަޝްރޫޢާއި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރެޒިލިއެންސް ޕްރޮޖެކްޓް، އަދި، ސްޓްރެންތެނިންގ ލޯ-ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް (އެލް.ސީ.އީ.އައި) މަޝްރޫއުގައި އަމަލީ ދައުރެއް ރިޟުވާން ވަނީ އަދާކުރައްވާފައެވެ.